އިތުރު 58 މީހަކު ކޮވިޑަށް ޕޮސިޓިވްވެއްޖެ، ޖުމްލަ 1274 އަކަށް

މޭ 12، 2020: މާލޭމަގުމަތީ ބިދޭސީއަކު ބައިސްކަލަކު ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު 58 މީހަކު ކޮވިޑް ރޯގާއަށް ޕޮސިޓިވްވެއްޖެ އެވެ. އެއާއެކު ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 1274 އަށް އަރާފަ އެވެ.

ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް ރޯގާއަށް ޕޮސިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 39 ބަންގަލަދޭޝް މީހުން އަދި އެއް އިންޑިއާ މީހެއް ކަމަށެވެ.

ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 452 ދިވެހީންނާއި، ބަންގްލަދޭޝްގެ 661 މީހުންނާއި، އިންޑިއާގެ 119 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.

މިއަދު ކޮވިޑްގެ 58 ކޭސް ފެނުނުއިރު އިއްޔެ ފެނިފައިވަނީ 30 ކޭހެވެ. މިއަދު ފެނުނު ކޭސްތަކުގެ އަދަދަކީ އިއްޔެ އާއި އަޅާ ބަލާއިރު 31 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،274 އަށް އަރާފައިވާއިރު، 104 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައިި މަރުވެފައެވެ.

ރާއްޖޭގައި ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުންނެވެ.

މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް19 ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.

ނަމަވެސް އާންމުންގެ އެއްބާރުލުން ލިބި، ފުރަބަންދުގެ ކަންތައްތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މޮނީޓަރިންގެ ހާލަތުގައި މިހާރު ނެތް ރަސްރަށުގެ ތެރެއިން މާލެ އާއި އަތޮޅުތެރޭގެ 25 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައި މިއަދުގެ ހުކުރު ނަމާދަށްފަހު ޖަމާއަތުގައި ނަމާދު ކުރަން ވަނީ ފަށައިފައެވެ.

މާލެ ސަރަހައްދުގައި މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.

comment ކޮމެންޓް