ހަތަރު މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލަ އެބަ ބަލަން: އޭޑީކޭ

އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަރުވާ ނުދެވިގެން ހަތަރު މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ އެފަދަ އެހެން ކޭސްތަކުގައި އަމަލުކުރަމުންދާ އުސޫލުގެ ދަށުން ބަލަމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މަހުގެ ކުއްޖަ ފަރުވާ ނުދެވިގެން މަރުވިކަމަށްބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އިއްޔެ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، މަރުވި ކުއްޖާ އިމަޖެންސީއަށް ގެނައުމާއެކު އިމަޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފައާއެކު ކުއްޖާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ކުއްޖާގެ ބަލި ދެނަގަތުމަށް އަލްޓްރާސައުންޑާއި ސީޓީ ސްކޭންވެސް ހެދި ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.

"ކުއްޖާގެ ހާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތްކުރުމަށްޓަކައި އިމަޖެންސީ ފިޒީޝަންއަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން، އޮޕަރޭޝަން ޑޮކްޓަރުން އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދެއްވި އެވެ. ނަމަވެސް އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ." އޭޑީކޭގެ ނޫސްބަޔާނުގައި ބުންޏެވެ.

"މިފަދަ ހާލަތުގައި އަމަލުކުރަމަށް މި ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަފްސީލު ރިވިއު އެއް ހަދަން ވަނީ ފަށާފައި،" އޭޑީކޭގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނީ، މިކަން ހިނގައިދިޔަ ގޮތް އާއިލާއާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމަތު ރިވިއު ނިމިމުން ހާމަ ކުރާނެ ކަމަށެވެ.

comment ކޮމެންޓް