107 މީހުންނާ އެކު ދަތުރުކުރި ޕާކިސްތާނު އެއާލައިންގެ ފްލައިޓެއް ވެއްޓިއްޖެ

ޕާކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއް -- (ފޮޓޯ/އިންޑިއަން އެކްސްޕްރެސް)

ކަރާޗީ، ޕާކިސްތާން (މޭ 22): ގިނަ އަދަދެއްގެ ފަސެންޖަރުން ގޮވައިގެން ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިންގެ ފްލައިޓެއް ޕާކިސްތާނުގެ ކަރާޗީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނީ، ޕާކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓް ޕީކޭ-8303 ފްލައިޓް ވެއްޓުނީ 99 ފަސެންޖަރުންނާއި އަށް ކްރޫއިންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ، ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ.

ބޯޓު ވެއްޓުނު ކަރާޗީ އަކީ ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ސިޓީ އެވެ.

ސޯޝަލް މީޑިޔާގައި ފްލައިޓް ވެއްޓުނު ސަރަހައްދުގެ ވީޑިއޯ އަދި ފޮޓޯ އާންމުވެފައިވާއިރު އެ ސަރަހައްދުގައި ވަރަށް ގަދަޔަށް އަލިފާން ހިފައި ދުން އަރަމުންދާތަން ވީޑިއޯތަކުން ފެނެ އެވެ.

ސީބީއެސް ނޫހުން ރިޕޯޓުކުރި ގޮތުގައި ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށެވެ.

މި ސަރަހައްދުގައި ހުރި އިމާރާތްތަކުގެ ވަރަށް ގަދަޔަށް ދުން އަރާ މަންޒަރު ވީޑިއޯއިން ފެންނައިރު މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ސަލާމަތްވި މީހުންގެ އަދަދުވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގައި ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެ އެވެ.

މަތިންދާބޯޓު ވެއްޓުނު ހާދިސާ މި ހިނގީ އެގައުމުގައި ގިނަ ބަޔަކު ރޯދަ މަސް ނިމުމާއި އީދު ފާހަގަކުރުމަށް އާއިލާ އަދި އެކުވެރިން ކައިރިއަށް ދިޔުމަށް ދަތުރުކުރަމުންދާ ދުވަސްވަރަކާ ދިމާކޮށެވެ.

ޕާކިސްތާނަކީ ވައިގެ ދަތުރުފަތުރުގެ ކަންކަމުގައި އާދައިގެ މިންވަރެއްގެ ސަލާމަތީ ރެކޯޑެއް އޮންނަ ގައުމެކެވެ. އެގޮތުން 2016 ވަނަ އަހަރުވެސް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓެއްގައި އަލިފާން ރޯވެ އިންޖީން ހަލާކުވެގެން ވަނީ ވެއްޓިފަ އެވެ. އެ ހާދިސާގައި 40 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް