ކަރަންޓީނު މުއްދަތު ހަމަކޮށް 391 ފުލުހުން ހިދުމަތާ ގުޅިއްޖެ

ކޮވިޑް-19 އާއެކު މާލޭ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހުނު ފުލުހުންނާ ކޮންޓެކްޓްވި ނުވަތަ އަލާމާތްތައް ފެނިގެން ކަރަންޓީނަށް ގެންދިޔަ ފުލުހުންގެ ތެރެއިން 391 ފުލުހެއްގެ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އަލުން ހިދުމަތަށް ނިކުމެއްޖެ އެވެ.

މިއަދު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކޮވިޑް-19 ހުރެދާނެ ކަމަށް ބެލެވިގެން ފުލުހުންގެ 684 ފަރާތެއް ކަރަންޓީނު ކުރި ކަމަށެވެ.

އެގޮތުން ކަރަންޓީނަށް ގެންދިޔަ ފުލުހުންގެ ތެރެއިން 391 ފަރާތެއް އަލުން ހިދުމަތަށް ނިކުމެފައިވާއިރު ބާކީ 293 ފަރާތެއް އަދިވެސް ކަރަންޓީނުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ތިން ދުވަސް ކުރީން އަޅުގަނޑު ވާނީ އެފަރާތްތަކުގެ ހާލު ބަލާފައި. އަދި އެކަމަށް ހާއްސަކޮށްފައިވާ ފުލުހުންގެ ޓާސްކްފޯސް އިން ކޮންމެ ދުވަހެއްގައި ފުލުހުންގެ ހާލު ބަލައި،" ކޮމިޝަނަރު ވިދާޅުވި އެވެ.

ފުލުހުންގެ ތެރެއިން ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އިތުރު ވެފައި ނުވާ ކަމަށާއި ކަރަންޓީނުގައި ހުރި އެއްވެސް ފުލުހަކު ވައިރަސް އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތެރެއިން ވައިރަސް އަށް ޕޮޒިޓިވްވެފައިވަނީ 23 ފަރާތެކެވެ. އެ 23 ފުލުހަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް މުހައްމަދު ހަމީދު ހާމަކުރައްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ރާއްޖެއިން މިހާތަނަށް ވައިރަސް އަށް ޕޮޒިޓިވް 1،216 ކޭސް ވަނީ ފެނިފަ އެވެ. އަދި އެ ވައިރަސް ޖެހިގެން ހަތަރު މީހަކު މަރުވެފައިވާއިރު 104 މީހެއް ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް