ނޫސްވެރިޔާގެ ޚާޝުގްޖީގެ ދަރިން މާފުކުރުމުން ގާތިލުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

އަނިޔާވެރި ގޮތަކަސް މަރާލެވުނު ޖަމާލް ޙަޝޮގީގެ ހަދާނުގައި ހަރުކުރެވިފައިވާ ޕޯސްޓަރުތަކެއް -- (ފޮޓޯ/ހިއުމަން ރައިޓްސް ވޮޗް)

ޑުބާއީ، ޔޫއޭއީީ (މޭ 22): ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ތެރޭގައި މަރާލި ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ދަރިން އޭނާގެ ގާތިލުންނަށް މައާފްދިނުމަށް ނިންމައިފި އެވެ.

އަނިޔާވެރި ގޮތަކަށް ޚާޝުގްޖީ މަރާލެވިފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގަ އެވެ. ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީ ސަރުކާރުގެ ފަސް އޮފިޝަލެއްގެ މައްޗަށް އުފުލި ދައުވާ ވަނީ ސާބިތުވެފަ އެވެ.

"އަހަރެމެންގެ ޝަހީދުކޮށްލެވިފައިވާ ބައްޕަ، ޖަމާލް ޙަޝޮގީގެ ދަރިން، ﷲ ތައާލާގެ ފަރާތުން މަދަދު ލިބިގަތުމަށްޓަކައި މި އިއުލާންކުރަނީ އަހަރެމެންގެ ބައްޕަ މަރާލި ފަރާތްތަކަށް އަހަރެމެން މައާފްދިންކަން" ޚާޝުގްޖީ ދަރިއެއްކަމުގައިވާ ސަލާހް ޓްވިޓާގައި ވަނީ އިއުލާންކޮށްފަ އެވެ.

ސަލާހް އިތުރަށް ބުނިގޮތުގައި އޭނާގެ މި ނިންމުމުގެ މައިގަނޑު އެއް ސަބަބަކީ އިސްލާމް ދީނުގައި ރަމަޝާން މަހުގެ ފަހު ރޭ ތަކުގައި ޝަރީއަތުގެ ބޮޑެތި މައްސަލަތަކުގައި މައާފް ދިނުމަށް ބާރުއަޅާފައި އޮންނަ ސަގާފަތަށް އަމަލުކުރުމެވެ.

ސަލާހް ދިރިއުޅެމުން ދަނީ ސައުދީ އަރަބިއްޔާގަ އެވެ. ބައްޕަގެ މަރުގެ މައްސަލައިގައި ކޯޓުގެ ފަރާތުން މާލީ ބަދަލުވެސް ސަލާހްއަށް ވަނީ ލިބިފަ އެވެ.

އޮކްޓޯބަރ 23، 2018: އަނިޔާވެރި ގޮތަކަށް މަރާލެވުނު ޖަމާލް ހަޝޮގީގެ ދަރިފުޅު ސަލާހް ޙަޝޮގީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވަނީ. (ފޮޓޯ/އަލްޖަޒީރާ)

ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާ އަދި ކޯޓުގައި މައްސަލަ ނިމިގެން ދިޔަ ގޮތަށްވެސް ބައިނަލްއަގްވާމީ ފާޑުކިޔުންތައް ވަނީ އަމާޒުކުރެވިފަ އެވެ.

އެގޮތުން ކޯޓުގައި މައްސަލަ ނިންމާފައިވަނީ ޚާޝުގްޖީގެ މަރަކީ ދުރާލައި ރޭވިގެން ހިންގި އަމަލެއް ނޫންކަމަށެވެ. މިއީ ސައުދީ ސަރުކާރުގެ ފަރާތުންވެސް ހިންގި ތަހުގީގުގައި ވެސް މައްސަލަ ނިމިގެން ދިޔަ ގޮތެވެ.

ސައުދީގެ ބައެއް މީޑިޔާތަކުން ވަނީ ޚާޝުގްޖީ ދަރިންގެ ފަރާތުން ލިބުނު މައާފްގެ ސަބަބުން ޚާޝުގްޖީ މެރި ފަސް މީހުންނަށް އަދަބު ނުދީ ދޫކޮށްލެވިގެން ނުދާނޭކަމަށް ބުނެ ރިޕޯޓުކޮށްފަ އެވެ. ޚާޝުގްޖީގެ ދަރިންގެ މައާފާއިއެކު އެ ފަސް މީހުން ސަލާމަތްވެފައިވަނީ މަރަށް މަރު ހިފުމުގެ އަދަބު ނުވަތަ ގިސާސްގެ ހުކުމުންނެވެ.

އިސްލާމް ދީނުގައި އާއިލާގެ ވާރިސުންގެ ފަރާތުން އެކަކު ނަމަވެސް ގިސާސް ހިފުމަށް ދެކޮޅު ހަދައިފިނަމަ މަރުގެ މައްސަލައެއްގައި ގިސާސްއެއް ނުހިފޭނެ އެވެ. ދީނުގައި ވަނީ މިފަދަ މައްސަލަތަކުގައިވެސް މާފު ދިނުމަށް ބާރު އަޅައިފަ އެވެ.

ޖަމާލް ޚާޝުގްޖީ އަކީ ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެމެރިކާގެ ބައެއް ބޮޑެތި ނޫސްތަކަށް ލިޔަމުން ދިޔަ ފަރާތެކެވެ. އޭނާގެ މަރުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާކަމަށް އެތައް ތުހުމަތުތަކެއްވެސް ވަނީ ކުރެވިފަ އެވެ.

ޚާޝުގްޖީ މަރުވިއިރު އޭނާގެ ހަތަރު ކުދިން ތިބެ އެވެ. އެއީ ދެ އަންހެން ކުދިން އަދި ދެ ފިރިހެން ކުދިންނެވެ.

comment ކޮމެންޓް