ހިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލުގައި ބެހެއްޓުން އިންސާފުވެރިއެއް ނޫން: ނަޝީދު

ކުރީގެ ރައީސް ނަޝީދާއި ރައީސް ޔާމީން ސަލާމްކުރައްވަނީ: ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވާފައި --- ފައިލް ފޮޓޯ/ ރައީސް އޮފީސް

އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލިޑަރު ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް އެމަނިކުފާނާ އެންމެ ވާދަވެރި ސިޔާސީ ލިޑަރު، ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވާ ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.

އެ ނޯޓުކޮޅުގައި ރައީސް ނަޝީދު ލިޔުއްވާފައި ވަނީ، ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށް ނޯޓުކޮޅުގައި ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑުމެން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް،" ރައީސް ނަޝީދު ލިޔުއްވާފައިވާ އެ މެސެޖްގައިވެ އެވެ.

ކުރު އެ ނޯޓު ނިންމާލައްވަމުން ލިޔުއްވާފައި ވަނީ؛ "ހަމަ އެފަދައިން މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން،" ކަމަށެވެ.

ރައީސް ނަޝީދު މިގޮތަށް ސަޕޯޓަރުންނަށް މެސެޖެއް ދޫކޮށްލެއްވީ، ރައީސް ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި އިދިކޮޅު ދެ ޕާޓީގެ ނައިބު ރައީސުން ކުރި ޓްވީޓްތައް ރީޓްވީޓް ކޮށްފައި ވަނިކޮށެވެ. އެތައް ބަޔަކަށް ހައިރާންކަން ގެނުވި އެ ރީޓްވީޓްތަކުގައި ރައީސް ޔާމީން ސިޔާސަތުތަކަށް ވެސް ތާއީދުކޮށްފައިވެ އެވެ.

ރައިސް ނަޝީދު ރީޓްވީޓްކޮށްފައި ވަނީ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމް ކުރެއްވި ޓްވީޓަކާއި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓްތަކެވެ.

އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ރައީސް ޔާމީން އެކަންޏެވެ. އެމަނިކުފާނު ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށެވެ.

އެއީ ކޯޓުތަކަށް ނުފޫޒުފޯރުވައިގެން ކުރި ސިޔާސީ ހުކުމެއް ކަަމަށް އިދިކޮޅުން ބުނެއެވެ. މިހާރު އެ ހުކުމް އޮތީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ. އެކަމަކު އިސްތިއުނާފެއް ނުހިނގަ އެވެ.

ދައުލަތުގެ ހަޒާނާއިން ގެއްލުނު ފައިސާތައް ހޯދުމަށާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލި މީހުންގެ މައްސަލަތައް ބެލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެކަންކަން ކުރުމަށް ގާނޫނުން ބާރުތައް ދީ، ދެ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. ނަމަވެސް ސަރުކާރަށް ދޮޅު އަހަރުވީއިރު، އެކޮމިޝަންތަކުގެ މާބޮޑު ނަތީޖާއެއް ނުފެނެ އެވެ.

މިއީ މިގޮތަށް ރައީސް ނަޝީދު، ރައީސް ޔާމީންގެ ދިފާއުގައި ބަސްކޮޅެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. އަދި ރައީސް ޔާމީންގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަ ދައްކާފައި މިވަނީ މިދިޔަ ހަފްތާ ތެރޭ ސަރުކާރަށްވެސް މަޖިލިސް ތެރޭގައި ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ނަޝީދު ބަލިކުރައްވައި، ރައީސް ކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 13 އަހަރަށް ޖަލަށްލި އެވެ. އޭރު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއީ ރައީސް ޔާމީން ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެއްވި ސިޔާސީ ހުކުމެެއް ކަމަށެވެ. އެ ހުކުމާ ގުޅިގެން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު އިރު، ފަހުން ސްޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

comment ކޮމެންޓް