ލޭޑީ ގާގާ އާއި އާރިއާނާގެ ސިންގަލް އިންޓަނެޓްގެ އެއްވަނައަށް

ލޭޑީ ގާގާގެ އާ އަލްބަމް އަށް އާރިއާނާ ގްރާންޑޭ އާ އެކު ކިޔާފައިވަނީ، "ރެއިން އޮން މީ" ނަމަކަށް ކިޔާ ލަވައެއް ---

މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ އާ އަލްބަމް، "ކްރޮމެޓިކާ"ގައި އާރިއާނާ ގްރާންޑޭ އާއެކު ކިޔާފައި އިން ލަވަ ރިލީޒްކުރުމާއެކު އިންޓަނެޓުގެ އެކި ޗާޓުތަކާއި ޓްރެންޑިންގެ އެއްވަނައަށް އަރައިފި އެވެ.

މިމަހުގެ 29 ގައި ނެރުމަށް ހަމަޖެހިފައިވާ ކްރޮމެޓިކާގެ އެންމެ ފަހު ސިންގަލް އެއް ގޮތުގައި ނެރޭ "ރެއިން އޮން މީ" މިއަަދު ވަނީ ރިލީޒްކޮށްފައެވެ.

އާރިއާނާ އާއި ގާގާ ދެފަންނާނުން ކިޔާފައިވާ އެ ލަވައަކީ މިފަހަރު އިލެކްޓްރޯނިކް ލަވައެކެވެ.

ލަވަ ރިލީޒްކޮށް ގިނަ އިރުތަކެއް ނުވެ، އެ ލަވައިގެ ވާހަކަ ދައްކަން އެތައް ބަޔަކު ޓްވިޓާއަށް ގޮސްފައިވެއެވެ. މިވަގުތު "ރެއިން އޮން މީ" ހޭޝްޓެގް ޓްވިޓާ ޓްރެންޑިންގެ އެއްވަނައިގައި އޮތްއިރު އެ ލަވަ ރިލީޒްކޮށް ގިނަ އިރުތަކެއް ނުވަނީސް ވަނީ އައިޓިއުންސް ޗާޓުގެ އެއްވަނައަށް އަރާފައެވެ. އަދި ގޫގަލް ޕްލޭ މިއުޒިކް ޗާޓުގެ އެއްވަނައިގައި ވެސް މިހާރު އިނީ ރެއިން އޮން މީ އެވެ.

ކޮންމެއަކަސް ފޭނުންނަށް ލޭޑީ ގާގާގެ އާ ސިންގަލް ވަރަށް ބޮޑަށް ކަމުގޮސްފިއެވެ. އޭގެތެރޭގައި އާރިއާނާގެ ގިނަ ފޭނުންނެއްވެސް ހިމެނެއެވެ.

ކްރޮމެޓިކާއަކީ ލޭޑީ ގާގާގެ ފަސްވަނަ ސްޓޫޑިއޯ އަލްބަމް އެވެ. އެ އަލްބަމް ފުރަތަމަ ނެރުމަށް ހަމަޖެހިފައިވަނީ މިދިޔަ މަހުގެ 10 ގައެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން އަލްބަމް ރިލީޒްކުރުން ލަސްކުރިއެވެ. ލޭޑީ ގާގާ އެންމެ ފަހުން އަލްބަމް އެއް ނެރެފައިވަނީ 2016 ވަނަ އަހަރުގައެވެ. އެއީ "ޖޮއޭން" ނަމަކަށް ކިޔާ އަލްބަމް އެކެވެ.

comment ކޮމެންޓް