އެމެރިކާ ފުރަބަންދު ކުރުން އަވަސް ކުރި ނަމަ 36،000 ފުރާނަ ސަލާމަތް ކުރެވުނީސް: ދިރާސާ

ކޮވިޑް-19 ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ 94،000އާ ގާތްވެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މެއި 22): އެމެރިކާ ފުރަބަންދު ކުރުން އަވަސް ކުރި ނަމަ ކޮވިޑް-19 ޖެހިގެން މަރުވި 36،000 މީހެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީން އެ ދިރާސާ ހަދާފައި ވަނީ މިމަހުގެ ތިނެކާ ހަމަޔަށް އެގައުމުގައި ކޮރޯނާވައިރަސް ފެތުރިފައިވާ މިންވަރަށް ބަލާފަ އެވެ. އޭރު އެގައުމުން ބަލީގައި މަރުވެފައި ވަނީ 65،300 ވަރަކަށް މީހުންނެވެ.

އެ ދިރާސާގައިވާ ގޮތުން މާޗް މަހުގެ ފުރަތަމަ ދުވަހު އެމެރިކާ ފުރަބަންދު ކުރި ނަމަ 54،000 ފުރާނަ ސަލާމަތް ކުރެވުނީސް އެވެ. އަދި އެ މަހުގެ ދެވަނަ ހަފްތާ ތެރޭ އެފަދަ ފިޔަވަޅުތައް އެޅި ނަމަ 36،000 ފުރާނަ ސަލާމަތް ކުރެވުނީސް އެވެ.

އެމެރިކާގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު ކުޑަ ކުރުމަށްޓަކައި، އެގައުމުގެ މީހުން ދަތުރުކުރާ މިންވަރު މަދު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިލްތިމާސް ކުރެއްވީ މާޗް 16އިގަ އެވެ. އެއީ ކޮވިޑް-19އަކީ ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއުލާން ކުރިތާ ފަސް ދުވަސް ފަހުންނެވެ.

މީގެ އިތުރުން އެގައުމުގެ އެކި ސްޓޭޓުތައް ފުރަބަންދު ކުރަން ފެށީ އެކި ދުވަސްތަކުގަ އެވެ. އެގޮތުން ކެލިފޯނިއާ އާއި ނިއު ޔޯކް ސްޓޭޓް 19 މާޗް އާއި 22 މާޗުގައި ފުރަބަންދު ކުރި އިރު ޖޯޖިއާގައި އެފަދަ ފިޔަވަޅުތައް އެޅީ މިދިޔަ މަހުގެ 3ގަ އެވެ.

ރައީސް ޓްރަމްޕަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެމެރިކާ ސަރުކާރުން ކޮރޯނާވައިރަހަށް ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރުން ފަސް ކުރި ކަމަށާއި އޭގެ ސަބަބުން ފެބްރުއަރީ މަހާއި މާޗް މަހު ވައިރަސް ފެތުރިފައިވާ މިންވަރާ ބެހޭ ގޮތުން ސްޓޭޓުތަކަށް އެކަށީގެންވާ ވަރަށް މައުލޫމާތު ނުލިބޭ ކަމަށް ބުނެފަ އެވެ. އަދި ބަލިމަޑުކަމުގެ ނުރައްކާ ކުޑަ ކަމަށް ވިދާޅުވެ ޓްރަމްޕް އޭރު ވާހަކަ ދައްކަވަމުން ގެންދެވިކަންވެސް އެފަރާތްތަކުން ފާހަގަ ކުރެ އެވެ.

ކޮލަމްބިއާ ޔުނިވާސިޓީން ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަވަހަށް އަދި ހަރުކަށި ފިޔަވަޅު އެޅުމުގެ މުހިއްމުކަން އެ ދިރާސާއިން އެނގިގެންދާ ކަމަށް ބުނެފަ އެވެ. އެ ދިރާސާ އަދި ކަމާ ބެހޭ މާހިރުންގެ ޓީމަކުން ބަލާ 'ޕިއާ ރިވިއު'ކޮށްފައި ނުވެ އެވެ. އަދި ރައީސް ޓްރަމްޕް ވަނީ އެއީ އޭނާއަށް އަމާޒުކޮށް ދިން "ސިޔާސީ ހަމަލާއެއް"ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

އެމެރިކާގައި މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.5 މިލިއަނަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 94،000އަށް ވުރެ އިތުރުވެފަ އެވެ.

comment ކޮމެންޓް