ޒޫމް މެދުވެރިކޮށް ސިންގަޕޫރުގައި މީހަކަށް މަރުގެ ހުކުމް އިއްވައިފި

ސިންގަޕޫރުގައި 5،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: އޭޕީ

ސިންގަޕޫރުގައި ފުރަތަމަ ފަހަރަށް ޒޫމް ވީޑިއޯ ކޯލް މެދުވެރިކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން މީހަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ސިންގަޕޫރުގެ ކޯޓުތަކުން ބަލަމުންދާ ގިނަ މައްސަލަތަކެއްގެ ދައުވާ ކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި ޖޫން މަހުގެ ކުރިން ރަސްމީކޮށް ކޯޓުތައް ނުހުޅުވާނެ ކަން އަންގާފައި އޮތް ނަމަވެސް މިހާރުން މިހާރަށް ބަލަން ޖެހޭ ބޮޑެތި މައްސަލަތަކަށް ދައުވާ އުފުލުމާއި، ހުކުމް އިއްވުން ކުރިއަށް ގެންދެ އެވެ.

އެގޮތުން ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް އެގައުމުގައި ފުރަތަމަ ފަހަރަށް މީހަކު މެރުމަށް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ. މެރުމަށް ހުކުމް ކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ޕުނިތަން ގެނަސަން އެވެ. އޭނާއަށް މަރުގެ ހުކުމް އިއްވާފައި ވަނީ 2011 ވަނަ އަހަރު ހިންގި ޑްރަގުގެ ބޮޑު މައްސަލައެއްގައި އޭނާ ބައިވެރިވިކަން ސާބިތު ވުމުންނެވެ.

ނަމަވެސް ވީޑިއޯ ކޯލެއްގެ ޒަރިިއްޔާއިން މިދަނޑިވަޅުގައި އޭނާ މެރުމަށް ކޯޓުން އެ ނިންމުން ނިންމުމާ ގުޅިގެން ގިނަބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔައި، އެއަށްވުރެން މުހިއްމު މައްސަލަތައް ނުބަލާ ލަސްކުރަމުންދަނީ ކީއްވެގެންތޯ ސުވާލު އުފައްދަމުންނެވެ.

މަރުގެ ހުކުމް އިއްވާފައިވާ ގެނަސަންގެ ލޯޔަރު ވެސް ވަނީ މި ނިންމުމަށް ފާޑުކިޔައި، މި މައްސަލަ އަލުން އިސްތިއުނާފް ކުރުމަށް ހުށައަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިންގަޕޫރަކީ ގަވާއިދާ ޙިލާފަށް ޑްރަގު އެތެރަކޮށް، އެ ބޭނުން ކުރާ ފަރާތްތަކާ މެދު "ނޯ ޓޮލަރެންސް"ގެ އުސޫލު ގެންގުޅޭ ގައުމެކެވެ. އެގޮތުން 2013 ވަނަ އަހަރު އެގައުމުން މަރުގެ ހުކުމް ތަންފީޒް ކޮށްފައިވާ 18 މީހުންގެ ތެރެއިން 11 މީހުންނަކީ ޑްރަގުގެ މައްސަލަތަކުގައި ދައުވާ ކޮށްފައިވާ މީހުންނެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު އެންމެ ބޮޑަށް ބާރުބޮޑުވި އެއް އެޕްލިކޭޝަން ކަމަށްވާ ޒޫމް އަކީ ގިނަ ބަޔަކު ގޭތެރޭގައި އައިސޮލޭޓްވެގެން ތިބެން ޖެހުމުން ގުޅުންތައް ދެމެހެއްޓުމަށާއި އެ ނޫން ވެސް މުއާމަލާތްތަކަށް ބޭނުން ކުރަމުންދާ އެޕްލިކޭޝަނެކެވެ.

އަދި އެއާ އެކު ޒޫމްއަށް ލިބެން ފެށި މަގުބޫލުކަމާ އެކު އެ ބޭނުންކުރާ މީހުންގެ ޕްރައިވެސީ އާއި ކަސްޓަމަރުންގެ ޑޭޓާ ސެކިއުރިޓީއާ ދޭތެރޭ ޝައްކުކުރެވޭ ކަންތައްތަކެއް ހުންނަކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

comment ކޮމެންޓް