ސަޕޯޓަރުންގެ ސްޓޭންޑުގައި ބުދު ބެހެއްޓުމުން ސޯއުލް 81،300 ޑޮލަރުން ޖޫރިމަނާ ކޮށްފި

ސޯއުލްގެ ސްޓޭޑިއަމުގައި ބެހެއްޓި ބުދުތައް --

ކޮރެއާގެ ގައުމީ ލީގުގައި ވާދަކުރާ އެފްސީ ސޯއުލްގެ ހޯމް ސްޓޭޑިއަމުގައި ހުންނަ ސަޕޯޓަރުންގެ ސްޓޭންޑުތަކުކައި ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުން ކުރާ ބުދުތަކެއް ބެހެއްޓި މައްސަލާގައި އެ ކުލަބު 81،300 ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މެދުކެނޑުމަކަށް ފަހު ދެކުނު ކޮރެއާގެ ކޭ ލީގު ވަނީ އަލުން ފަށައިފަ އެވެ. އެކަމަކު އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކާ އެކު މެޗު ބެލުމަށް އެއްވެސް ސަޕޯޓަރަކު ދަނޑަށް ނުވެއްދުމަށް ވަނީ ނިންމައިފަ އެވެ.

އެއާ އެކު ކުލަބުތަކުގެ ސަޕޯޓަރުން ނެތްތަން ފޫބެއްދުމަށް ކުލަބުތަކުން ވަނީ ތަފާތު ކަންތައްތަކެއް ކޮށްފަ އެވެ. އެގޮތުން ކުލަބުގެ ސަޕޯޓަރުންގެ ފޮޓޯތައް ގޮނޑިބަރިތަކުގައި ބެހެއްޓުން ފަދަ ކަންކަން ކުރަމުންދާ އިރު އެފްސީ ސޯއުލް ވަނީ އެކަމުގައި ހައްދުފަހަނައަޅައިފަ އެވެ.

އެކުލަބުން ސަޕޯޓަރުންގެ ސްޓޭންޑުތައް ފަޅު ފިލުވުމަށް ވަނީ 30 މެނެކުއިން ބަހައްޓައިފަ އެވެ. އަދި އެ ކުލަބުން ލީގުގައި އެންމެ ފަހުން މެޗު ކުޅުނު އިރު އެ ބުދުތައް ފެންނަން ހުރުމުން ބައެއް ސަޕޯޓަރުން ވަނީ އެ މައްސަލަ އެގައުމުގެ ފުޓުބޯޅަ އިދާރާއަށް ހުށައަޅައިފަ އެވެ.

ކޮރެއަން ފުޓުބޯޅަ ފެޑެރޭޝަނުން އެ މައްސަލަ ބެލި އިރު އެ ބުދުތަކަކީ ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުން ކުރާ ބުދުތަކެއްކަން ވަނީ ފަޅާ އަރައިފަ އެވެ. އެހެން ކަމުން އެފްސީ ސޯއުލް ވަނީ އެ މައްސަލައިގައި 66,500 ޕައުންޑުން (81،300 ޑޮލަރުން) ޖޫރިމަނާ ކޮށްފަ އެވެ.

"ސޯއުލްގް މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަމަކުގެ ސަބަބުން އެތައް ސަޕޯޓަރުންނަކާއި، އާއިލާތައް ތިބީ ހިތްހަމަ ނުޖެހިފައި." ކޭ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސޯއުލްއިން ބުނީ އެކަމަކީ ނޭންގުމެއްގެ ތެރޭގައި ހިނގި ކަމެއް ކަމަށާއި ބެހެއްޓިފައިވާ ބުދުތަކަކީ ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުން ކުރާ ބުދުތަކެއް ކަން ކުލަބަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެކުލަބުން ވަނީ މާފަށް އެދިފަ އެވެ.

comment ކޮމެންޓް