ޔާމީނަށް ތަހުނިޔާ ކިޔައި ކުރި ޓުވީޓްތަކެއް ނަޝީދު ރީޓްވީޓް ކުރައްވައިފި

މަޖިލިސް ރައީސް ކުރި ރީޓްވީޓްތައް ---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތަހުނިޔާ ފޮނުވާ އިދިކޮޅު ޕާޓީތަކުގެ ނައިބު ރައީސުން ކުރި ޓުވީޓްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރި ޓުވީޓްކުރައްވައިފި އެވެ.

ރައީސް ނަޝީދު ރި ޓުވީޓްކޮށްފައި ވަނީ، ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމް ކުރެއްވި ޓުވީޓަކާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ކުރެއްވި ޓްވީޓެވެ.

އެ ދެބޭފުޅުންގެ ޓްވީޓްގައި ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތައުރީފުކުރައްވައި، އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައިވެ އެވެ.

ރައީސް ޔާމީންއާ ސިޔާސީ ގޮތުން އެންމެ ވާދަވެރި، ރައީސް ނަޝީދު މިގޮތަށް މިފަދަ ޓުވީޓެއް ރި ޓުވީޓްކޮށްފައި މިވަނީ ފުރަތަމަ ފަހަރަށެވެ. އަދި މިފަދަ ޓުވީޓެއް ރި ޓުވީޓްކޮށްފައި މިވަނީ ރައީސް ނަޝީދު ސަރުކާރަށް ވެސް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް ރައީސް ނަޝީދު އެ ޓުވީޓްތައް ރި ޓުވީޓްކޮށްފައި ވަނީ އޮޅިގެން ކަމެއް ނުވަތަ ކޮން ބޭނުމެއްގައި ކަމެއް ސާފެއް ނޫނެވެ. ރީޓްވީޓް ކުރިތާ ގިނަ އިރުތަކެއްވީ އިރު، އަދިވެސް އެ ޓްވީޓްތައް ޑިލީޓްކޮށްފައި ނުވެ އެވެ.

ރައީސް ނަޝީދު ބަލިކުރައްވައި، ރައީސް ކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 13 އަހަރަށް ޖަލަށްލި އެވެ. އޭރު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއީ ރައީސް ޔާމީން ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެއްވި ސިޔާސީ ހުކުމެެއް ކަމަށެވެ. އެ ހުކުމާ ގުޅިގެން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު އިރު، ފަހުން ސްޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިންމުމަކަށް ގެނެސްފައި ވަނީ، ނަޝީދު އިސްވެ ހުރެ އުފެއްދެވި ކޯލިޝަނަކުންނެވެ. އަދި މި ކޯލިޝަންގެ ސަރުކާރުގައި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަަހަރަށް ވަނީ ޖަލަށްލައިފަ އެވެ. ރައީސް ޔާމީން ވެސް ވިދާޅުވަމުން ގެންދަވަނީ އެއީ ނުހައްގުން ކޮށްފައިވާ ހުކުމެެއް ކަމަށެވެ. މިހާރު އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ.

ރައީސް ޔާމީންގެ އުފަންދަވަހަކީ، މެއި 21 1959 އެވެ. މިއަދު ފާހަގަ ކުރަމުން މިދަނީ އެމަނިކުފާނުގެ 61 ވަނަ އުފަންދުވަހެވެ. ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ޝޯޝަލް މީޑިއާގައި ތަހުނިޔާ ފޮނުއްވަމުންނެވެ. އިދިކޮޅުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އުފަންދުވަހުގައި ގައުމު އެދި ގޮވަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށެވެ.

comment ކޮމެންޓް