"މާމުއި" އަދިވެސް ބަލައިލަން ބޭނުންވެފައި

"މާމުއި" ގެ ޕޯސްޓަރެއްގައި ޝީލާ އާޢި ސުނީ....

މިދިޔަ އަހަރު ޖުލައި މަހު ރިލީޒްކުރި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކާމިޔާބު ފިލްމު "މާމުއި" ވެގެންދިޔައީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލުކަމެއް ލިބިގެން ދިޔަ ފިލްމަކަށެވެ.

ފިލްމު ސްކްރީންކުރުމާއެކު ފިލްމުގައި ހިމެނޭ މޮޅެތި ޑައިލޮގުތަކުން ސޯޝަލް މީޑިއާ ފުރިގެންދިޔައެވެ. "ވެން ޔޫ މީޓް ޔޯ ބޭ އާފްޓާ ލޮކްޑައުން" ކެޕްޝަން އާއެކު ޑާކްރެއިނުން އާންމުކުރި ވީޑިއޯއާއެކު އަނެއްކާވެސް މީހުން މިވަނީ "މާމުއި" ބަލާހިތްވެފަ އެވެ. ޝީލާ ނަޖީބު އާއި އަހްމަދު ސުނީ އެ ވީޑިއޯއިން ފެނިގެންދާއިރު އެ ކްލިޕުން ފެނިގެންދަނީ ދެތަރިންގެ ވެސް ފަރި ނެށުންތަކެވެ.

"މާމުއި" އަކީ ވަރުގަދަ ކޮމެޑީއެއްކަން މި ފިލްމު ބެލި މީހުންވެސް އިއްތިފާގުވިއެވެ. މިހާރު އާންމުން އެންމެ އިންތިޒާރުކުރަނީ ލޮކްޑައުން ހާލަތުގައި ގޭގައި ތިބެ އޮންލައިންކޮށް "މާމުއި" ބަލައިލެވޭނެ ދުވަހަކަށެވެ. އާއިލާ އާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް މި ފިލްމު ބަލައިލަން ގިނަ ބަޔަކު އެދެއެވެ.

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

މިއީ އެއް ފަހަރުން ބަލައިލަގެން ނިންމާލެވޭ ވަރުގެ ފިލްމެއް ނޫނެވެ. ކިތަންމެ ގިނަ ފަހަރު ފިލްމު ބެލިޔަސް ފޫހިނުވާނެ ކަން ގައިމެވެ.

ޑާކްރެއިނުން މިހާރު އަންނަނީ "މާމުއި"ގެ ޕްރީކުއަލް "ފައްކަލޭ"ގެ މަސައްކަތްކުރަމުންނެވެ. އެމީހުންގެ ފުރަތަމަ ވެން ސީރީޒްގެ ޝޫޓިން ފެށިތަނާހެން ލޮކްޑައުންވުމުން ސީރީޒްގެ ޝޫޓިންތައް ވަނީ މެދުކެނޑިފަ އެވެ.

ފައްކަލޭގެ މައިގަނޑު ކެރެކްޓާތަކަކީ އަހުމަދު ސުނީ (ރީތި އިއްސެ) އާއި އަބްދުﷲ ޝާފިއު (ހައްޕު)ގެ ކެރެކްޓާ އެވެ.

އޭގެ އިތުރުން މި ސީރީޒްގައި މަރިއްޔާ (ރޮމާނީ)ގެ ބައެއް ވެސް ހިމެނޭނެ އެވެ. އެ ތަރިންގެ އިތުރުން ވެސް މާމުއި ގައި ހަރަކާތްތެރިވި މުހިންމު ކެރެކްޓާތަކެއް މި ސީރީޒްއިން ފެނިގެންދާނެ އެވެ. އަދި ހަމޫދު އާއި ކާއްޓޭވެސް ފެންނާނެ އެވެ.

comment ކޮމެންޓް