މޮނިޓަރިންގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި

މާރިޗް 18، 2020: އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަ ދައްކަވަނިީ - ސަން ފައިލް ފޮޓޯ/ އަހްމަދު ސައީދު

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށް ރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަދީފިއެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަދޭން ނިންމީ ޑޮކްޓަރުންގެ ލަފަޔާއެކުގައި ކަމަށެވެ.

އެގޮތުން މާދަމާ ހުކުރު ނަމާދުން ފެށިގެން އެފަދަ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ހުކުރު ޚުތުބާ މިހާރު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވިއެވެ.

ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ޖަމާއަތުގައި ނަމާދު ކުރަންޖެހޭނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަލާމަތީގޮތުން އަޅަންވީ ފިޔަވަޅުތައް:

  • ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން
  • މުސައްލަ ހިފައިގެން މިސްކިތަށް ދިޔުން
  • އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން
  • ރޯގާޖެހި، ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން
  • މާސްކު އަޅައިގެން މިސްކިތަށް ދިޔުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން

"މި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި އަޅުގަނޑުމެން މި ގަސްދު ކުރަނީ މާދަމާ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުންކޮށް މޮނިޓަރިންގ ހާލަތް ނެތް ރަށްރަށުގައި މިސްކިތުގައި ޖަމާއަތް ފަށަން. އެހެންވީމާ ލޮކްޑައުންކޮށް މޮނިޓަރިންގް ހާލަތުގައި ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން އަޅުގަނޑުމެން މިސްކިތުގައި ޖަމާއަތް ފަށާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ޑޮކްޓަރުން ލަފާދެއްވަނީ މިސްކިތްތަކުން ކާޕެޓު ނެގުމަށެވެ. އެހެންކަމުން މިހާރު ގިނަ މިސްކިތްތަކުން ވަނީ ކާޕެޓް ނަގާފައި ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

ކޮންމެހެން މިސްކިތުގައި ވުޟޫ ކުރަން ޖެހިއްޖެ ހާލަތެއްގައި މިސްކިތުގައި ވުޟޫ ކުރިޔަސް ރަނގަޅު ކަމަށާއި ނަމަވެސް އެންމެ ރައްކާތެރިގޮތަކީ ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ މާނައަކީ ކައިރި ކައިރީގައި ސަފު ހަދައިގެން ނަމާދު ކުރުމެވެ. އެހެންކަމުން ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރާނީ ކައިރިކައިރީގައި ސަފު ހަދައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އެންގީ މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.

comment ކޮމެންޓް