މެމްބަރުންނާ އެއްވަރެއްގެ މުސާރައެއްދޭން އީވާ އެދިވަޑައިގެންފި

އޮކްޓޯބަރ 7، 2019: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެއްވަރަށް އޭނާގެ މުސާރަ ކުޑަކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށް އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެއާ އެކު މަޖިލިސް މެމްބަރުންނަށް ވުރެ ބޮޑު މުސާރަ އެއް އީވާ އަށް ލިބިވަޑައިގަންނަވާ ކަމަށް ވަނީ ފާހަގަވެފަ އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އީވާ އެދިވަޑައިގެންފައިވާތީ، އެގޮތަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަޖިލީހުން އިއްޔެ ފާސްކޮށްފައި ވަނީ ބޮޑެތި މުސާރަވެރިންގެ އަސާސީ މުސާރައިން 20-35 ޕަސަންޓާ ދެމެދުގެ އަދަދަކަށް ކުޑަކުރާ ގޮތަށެވެ. އެގޮތުން 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު 30،001 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކަނޑަން ވަނީ ނިންމާފަ އެވެ. އަދި 60،001 ރުފިޔާއަށް ވުރެ މަތީގެ މުސާރަތަކުން އުނިކުރަން ނިންމާފައި ވަނީ 35 ޕަސެންޓެވެ.

ސަރުކާރުން ހުށަހެޅީ ޖުމުލަ އާމްދަނީގެ ގޮތުގައި 60،000 ރުފިޔާ އަށް ވުރެ މަތީން އާމްދަނީ ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޖުމުލަ އާމްދަނީ 55،000 ރުފިޔާ ހަމަށް ކެޕް ކުރުމަށެވެ.

ނަމަވެސް މަޖިލީހުން މެންބަރުންގެ މުސާރަ ކުޑަކުރި އިރު ކުރީ، ބޭސިކް މުސާރައިގެ ގޮތުގައި މެންބަރަކަށް ލިބިވަޑައިގަންނަވާ 42،500 ރުފިޔާގެ 30 ޕަސެންޓް އެކަންޏެވެ. އެއީ 12،750 ރުފިޔާ އެވެ. މުސާރައިގެ އިތުރުން މެމްބަރުންނަށް ކޮމެޓީ އެލަވަންސުގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އާއި އަދި ލިވިން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އިން އެއްވެސް ވަރަކަށް އުންޏެއް ނުކުރެ އެވެ.

ބޭސިކް މުސާރައިން ކެނޑި 30 ޕަސެންޓާ އެކު، މެންބަރަކަށް މިހާރު ލިބިވަޑައިގަންނަވާނީ، ބޭސިކް މުސާރަ، 29،750 ރުފިޔާ އާއި 20،000 ރުފިޔާގެ ލިވިން އެލަވަންސާއި ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އާ އެކު، ޖުމުލަ 69،750 ރުފިޔާ އެވެ.

ނާއިބު ރައީސް އީވާ އަބްދުﷲ މިރޭ ދެއްވި ލުޔާ އެކު އޭނާ އަށް ވެސް ލިބިވަޑައިގަންނަވާނީ 69،750 ރުފިޔާ އެވެ.

މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ ގޮތުން އީވާއަށް މަހަކު 75،000 ރުފިޔާ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލީހުގެ ލިބިވަޑައިގަންނަވާނެ އެވެ.

މަޖިލީހުގެ ނިންމުމުގެ ސަބަބުން ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ވުރެ މުސާރައާއި އިނާޔަތުގެ ގޮތުގައި އެ މެމްބަރުންނަށް ލިބޭ މިންވަރު ބޮޑުވެ.

comment ކޮމެންޓް