ޒައިދު ޚާން އެނބުރި ބޮލީވުޑަށް

އެކްޓަރު ޒައިދު ޚާން---

ދެހާސް ތިން ވަނަ އަހަރު ނުކުތް ފިލްމު "ޗުރާ ލިޔާ ހެ ތުމްނޭ" އިން ބޮލީވުޑަށް ނުކުތް ޒައިދު ޚާން އަނެއްކާވެސް ބޮލީވުޑަށް ތައާރަފްކުރަން ނިންމައިފިއެވެ.

ދެހާސް ހަތަރު ވަނަ އަހަރު ނުކުތް ފިލްމު "މެއި ހޫން ނާ" އިން ފާހަގަވި ބަތަލަށް ބޮލީވުޑުން މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭރު އޭނާ ކުޅުނު ހުރިހާ ފިލްމުތަކެއް ވަނީ ފްލޮޕްވެފައެވެ. އަދި އޭގެ ފަހުން ކުޅޭނެ ފިލްމެއް ނުލިބި ހުރި ޒައިދު ވަނީ ބޮލީވުޑުން އޮއްސިފައެވެ.

ނަމަވެސް އާ ފިލްމަކާއެކު ޒައިދު ބޮލީވުޑަށް ނެރުމަށް އަނެއްކާވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ ބައްޕަ ކުރީގެ އެކްޓަރު ސަންޖޭ ޚާން ވަނީ ބުނެފައެވެ. ސަންޖޭ ބުނީ އެ ފިލްމަކީ އޭނާ ޑައިރެކްޓްކޮށް ޒައިދު ލީޑު ރޯލުކުޅޭ ފިލްމެއް ކަމަށެވެ. 1947 ގައި އިންޑިއާ ޕާކިސްތާނުގެ ހަނގުރާމައިގެ ހީރޯ ބްރިގޭޑިއާ މުހައްމަދު އުސްމާންގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަންޖޭ ވަނީ ބުނެފައެވެ. އަދި މި ފިލްމުގައި މުހައްމަދުގެ ރޯލުން ފެނިގެންދާނީ އެކްޓަރު ޒައިދު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ސަންޖޭ ބުނީ ޒައިދަށް ދެ ވަނަ ފުރުސަތެއް ފިލްމީ ރޮނގުން ހޯދާދިނުމަކީ ބައްޕައެއް ހައިސިއްޔަތުން އަދާކުރަންޖެހޭ ކަމެއް ކަމަށެވެ.

އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2005 ވަނަ އަހަރު ނުކުތް ފިލްމު "ޝަރާފަތު ގައީ ތެލް ލޭނޭ" އެވެ.

comment ކޮމެންޓް