އޮންލައިންކޮށް ކިޔަވައިދޭނެ ގައުމީ މިންގަނޑެއް އެކުލަވާލަނީ

އެމްބީބީއެސް ދަރިވަރުންނަށް ހިންގި އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: އެމްއެންޔޫ

އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައުމީ މިންގަނޑެއް އެކުލަވާލައި އެ އުސޫލުތަކުގެ ދަށުން އޮންލައިންކޮށް ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި މިނިސްޓަރު މިއަދު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމުގައި ތަފާތު މައްސަލަތައް ހުރި ކަން އެނގިލައްވާ ކަމަށެވެ. އެގޮތުން ކަނެކްޓިވިޓީގެ މައްސަލަ ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެހެން ގައުމުތަކުގައި ވެސް ހާއްސަކޮށް އިނގިރޭސިވިލާތް މިސާލަކަށް ނަންގަވައި މިނިސްޓަރު ވިދާޅުވީ އެގައުުމުގައިވެސް ގޫގަލް ޑްރައިވް މެދުވެރިކޮށް ވޯކްޝީޓްތައް "ޑަމްޕް" ކުރަމުންދާތީ ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމަށެވެ.

" އޮންލައިން ޓީޗިންނަކީ ހަމައެކަނި އޮންލައިންކޮށް މެޓީރިއަލްސްތައް ފޯރުކޮށްދިނުމެއް ނޫން، އޮންލައިން ޓީޗިންނަކީ ކްލާހެއް ރިކޯޑްކޮށްލާފައި އަނެއް މީހާއަށް އެ އެެެއެތި ފޯނުން ނޫނީ ޓީވީން ވީޑިއޯ ބަލައިލުމެއް ނޫން. އެއީ އެއަށްވުރެ އޭގެ ޑެފިނީޝަން މާފުޅާ ކޮމްޕްރިހެންސިވްކަމެއް. މާ އިންޓަރެކްޓީވް ޕްރޮސެސްއެއްގެ ތެރެއިން ނޫނީ ކުރިއަށް ގެންގޮސްފިއްޔާ ނޫނީ އޭގެ ބެނިފިޓްސްތައް ލިބޭނެކަމެއް ނޫން،" މިިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ މިންގަނޑެއް އެކުލަވާލެވުމުން މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީ އަދި ކޮލެޖްތަކުން އޮންލައިންކޮށް ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ކަށަވަރުކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް އޮންލައިންކޮށް ލިބިގެންދާ ތައުލީމްއަކީ ފެންވަރު ރަނގަޅު ވަކި އުސޫލަކުން ގިންތި ކުރެވޭ ކޯސްތަކެއް ކަމުގައި ވެގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އޮންލައިން ޓީޗިންގައި ބޭނުންވާ ޕްލެޓްފޯމްތައްވެސް ހުންނަންވާނެ. އެއަށް ބޭނުންވާ ރިސޯސާސްތައްވެސް ކޮންމެވެސް ވަރަަކަށް ހުންނަންވާނެ. އެކި ލެވަލްތައް ހުންނަންވާނެ އެކި ކޮލެޖުގައި އެކި ކަންތައްތައް ކޮށްދޭނެ މިންވަރަށް. އެހެން ނަމަވެސް މިނިމަމް ސްޓޭޑަޑްތަކެއް ކަނޑައަޅައި އެކުލަވާލަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް