ސީމެކުން ރާއްޖެއަށް ޕީޕީއީ އާއި ފޭސް މާސްކް ހަދިޔާކޮށްފި

ސީމެކުން ރާއްޖެއަށް ޕީޕީއީ އާއި އެހެނިހެން ތަކެތި ހަދިޔާކުރުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުން ބޭނުންކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) ކުންފުނިން ޕީޕީއީ އާއި އެހެނިހެން ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.

ސީމެކުން މިތަކެތި ހަދިޔާކޮށްފައި ވަނީ ފޮރިން މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީއާއި ކަސްޓަމްސް އަދި އިމިގްރޭޝަނަށެވެ.

މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ރާއްޖެއަށް އެތަކެތި ހަވާލުކޮށްދެއްވީ ސީމެކް ކުންފުނީގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލިއު ޝިއައޯޑާ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސީމެކުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕީޕީއީ އާއި ފޭސް މާސްކް އަދިި ގޮގްލްސް ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނު ވެސް އަންނަ ހަފްތާތެރޭ ސީމެކުން ރާއްޖެ ގެނެސް، މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސީމެކުން މީގެކުރިން ވަނީ ކޮވިޑް-19 ވައިރަސްއާ ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ފާހާނާ ބަރިއެއް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް