ކިތަންމެ ދަތިވިޔަސް ސްކޮލަޝިޕްތައް ކަނޑާނުލާނަން: މިނިސްޓަރު

ހިލޭ ޑިގްރީއަށް ފެށުން އިފްތިތާހް ކުރުމަށް ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކިތަންމެ ދަތިިވިޔަސް މީހުން ބިނާ ކުރަން ކަނޑައަޅާފައި އޮންނަ ބަޖެޓުގައި އަތް ނުލާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ، އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ކޮރޯނާ ވައިރަސްއާއެކުވެސް ދަރިވަރުންނަށް ކަނޑައަޅާފައި ހުރި ސްކޮލަޝިޕްތަަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށެވެެ.

މިނިސްޓަރު ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ބޭރުގެ ބައެއް ތަންތަނުން ކިޔެވުން މެދުކަނޑާލާފައި އޮތް ނަމަވެސް ކުރިއަށް އޮތް ސެމިސްޓާގައި ކިޔެވުން ކުރިއަށް ނުގެންދާނެކަމަށް އެނގިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކު ނެތް ސްކޮލަޝިޕްތައް މެދުކަނޑާލާކަށް. އަޅުގަނޑުމެން ބޭނުންވަނީ އިއުލާންކޮށްފައި އޮތް އަދި ރައީސްގެ ވައުދުފުޅާއެއްގޮތަށް ހުރިހާ ސްކޮލަޝިޕްތަކަށްވެސް އިއުލާންކޮށްގެން ކުދިން ހޮވައިގެން އެ ފުރުސަތުތައް ދިނުން،" މިިނިސްޓަރު ވިދާޅުވި އެވެ.

ގައުމެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ ތައުލީމީ ޒުވާނުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޒުވާނުން ބިނާކޮށްގެން ނޫނީ ގައުމެއް ނޯންނާނެ ކަމަށެވެ.

"މިކަހަލަ ޕެންޑަމިކެއްގައި ވެސް އަޅުގަނޑުގެ ނަޒަރުގައި އެންމެ ދަތިވިޔަސް އަތް ނުލަންވާނެ ބަޖެޓަކީ މީހުން ބިނާކުރުމާއި ތަމްރީން ކުރުމުގެ ބަޖެޓު. އެ ބަޖެޓު ހަމަ އޮތްގޮތަށް ބޭއްވުން ވަރަށް މުހިއްމު. އޭރުން މިކަަހަލަ ޕޭންޑަމިކްއެއްގައި މަސައްކަތްކުރާނެ ތައުލީމީ ޓެކްނިކަލް މީހުންވެސް މުސްތަގުބަލުގައި އަޅުގަނޑުމެންނަށް ބިނާ ކޮށްދެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 550 ލޯންގެ ފުރުސަތު މަތީ ތަލުލީމަށް ހުޅުވާލި އެވެެ. ނަަމަވެސް އެ ލޯންތައް އަދި ޕްރޮސެސް ނުކުރެވޭތީ އަދި ދަރިވަރުންނަށް ފައިސާ ދޫނުކުރާކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ކޮވިޑްއާ ގުޅިގެން ބޭރުގައި އަމިއްލަ ގޮތުން ކިޔަވަން ގޮސް ހާލުގައި ޖެހުނު ބައެއް ދަރިވަރުންނަށް މިނިސްޓްރީން މިހާރު ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. ނަމަވެސް އެކަމަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން މައުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާފައިވާތީ އެކަން އަދި ޕްރޮސެސްކޮށްދީފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް