ކައުންސިލަރުންގެ ދައުރާ މެދު ގޮތް ނުނިންމާ ކޮމިޓީއިން ބިލު ފާސްކޮށްފި

ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކައުންސިލަރުންގެ ދައުރު ދިގުކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު 2020 ދައުރާ މެދު ގޮތް ނުނިންމައި ލާމަރުކަޒީ ކޮމިޓީއިން ފާސްކޮށްފި އެވެ.

ކައުންސިލުތަކުގެ ދައުރު ފެށޭ މަހުގެ ތިންވަނަ ދުވަހަށް ހަމާވާނެ އެވެ. ހަސަން ލަތީފު ބިލު ހުށަހެޅުއްވީ ކޮވިޑް ރޯގާގެ ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭތީ ކައުންސިލަރުންގެ ދައުރު ދިގުދެއްމުމަށެވެ. ނަމަވެސް ކޮމިޓީއިން ބިލު ދިރާސާކޮށް މުޅި ބިލު ފާސްކުރި އިރުވެސް ދައުރާ މެދު ގޮތެއް ނުނިންމަ އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ދައުރު އިތުރުކޮށްގެން ކުރިއަށް ދަނީ ކަމެއް ނުވަތަ އެހެން އިންތިޒާމެއްގެ ތެރެއިން ކައުންސިލަރުންގެ މަގާމުގައި ތިބި މީހުން ބައިތިއްބަނީ ކަމެއް ނުވަތަ އާ ބަޔަކު އަންނަނީ ކަމެއްވެސް ސާފުނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް ނިންމުމެއް ނިންމިފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބިލު މިހާރު ބައްޓަން ކުރަން ޖެހޭނީ ގާނޫނުއަސާސީ އިސްލާހުވެގެން ކައުންސިލަރުންގެ މުއްދަތު އިތުރުވެގެން ދިޔަކަމުގައި ވީ ނަމަވެސް، ނުވަތަ ބަޔަކު އައްޔަނު ކުރި ކަމުގައި ވީ ނަމަވެސް އެންމެނަށް އެޕްލައިކުރެވޭ ގޮތަށް ކަމަށެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅީ ކީއްކުރަންތޯ ސުވާލު އުފެދޭ ކަމަށެވެ.

"މި ގާނޫނު އައީ ކީއްކުރަންތޯ. ހަމައެކަނި ބާރުތައް ހަނިކުރަން ތޯ. މި ގާނޫނު މިހިސާބަށް ވުޖޫދުވެގެން މި އައީ ކޮންބޭނުމަކުތޯ؟ އެއީ އަޅުގަނޑުގެ ސުވާލަކީ." މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޮމިޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ގާނޫނުއަސާސީ ފާސްނުވި ނަމަވެސް، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް މީހުން އައްޔަން ކުރުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

ކޮމިޓީއަށް މީގެ ކުރިން ބަންޑާރަ ނައިބު އަދި މަޖިލީހުގެ ކައުންސިލަ ޖެނެރަލްވެސް ލަފާ ދެއްވާފައިވަނީ އެ ބިލުން ކައުންސިލަރުންގެ ދައުރު ދިގު ދެއްމުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ބިލަށް ކޮމިޓީއިން ބޮޑެތި އިސްލާހުތަކެއް ގެނަ އެވެ. އެގޮތުން ދައުރު ހަމަވުމަށް ފަހު ދެން ތިބޭނީ ވަގުތީ ކައުންސިލަރުން ކަމަށް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ލާމަރުކާޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލުތަކަށް ލިބިދޭ ބައެއް ބާރުތައް ވަގުތީ ކައުންސިލުތަކަށް ނުލިބޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް. ވިއްކުމާއި ހަމަސް ދުވަހަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި. އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި. ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި. ދަރަންޏަށް ފައިސާ ދިނުމާއި. އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި. ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި. ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި. ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު އެވެ." އިސްލާހު ކުރި ބިލުގައި ބުނެފައިވެ އެވެ.

ކައުންސިލުގެ ދައުރު ހަމަވެ ވަގުތީ ކައުންސިލެއް އޮންނަ އިރު ކައުންސިލަރުންގެ ބަދަލުގައި ކައުންސިލާ ހަވާލުވެ ތިބި ފަރާތްތައް އެގޮތަށް މުހާތަބު ކުރަން ޖެހޭ ކަމަށް ދެކި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ބިލަށް އިސްލާހު ހުށަހެޅުއްވި އެވެ. ނަމަވެސް އެ އިސްލާހު ފާހެއް ނުވެ އެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކައުންސިލަރުންގެ ދައުރު ދައްމައިފި ނަމަ ކިޔަން ޖެހޭނީ ކައުންސިލަރުން ކަމަށެވެ.

ބިލު ފާސްވީ ކޮމިޓީގެ ހަތް މެމްބަރުންގެ ވޯޓާ އެކު އެވެ.

ކައުންސިލުތަކުގެ ދައުރާ ދިގު ދެއްމުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުގައި ވަނީ ފުރަތަމަ ކިޔުން އިއްވާފަ އެވެ. އެ ބިލުގެ މަސައްކަތް އީދު ތެރޭގައި ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް