ރަށްފުށުގެ ކަރަންޓީނު، ކާމިޔާބުވާކަށް ނެތް!

ރާއްޖޭގެ ރަށެއްގެ ގޮޑުދޮށް ކައިރީ ހުރި ހަޓެއް ކަހަލަ ތަނެއްގައި މީހަކު މަޑުކޮށްލައިގެން: ރަށްރަށުގައި މީހުން ކަރަންޓީނު ކުރަން އާންމުން ދެކޮޅު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް [ރިސޯޓުތަކުގައި] ކަރަންޓީނުގައި ބައިތިއްބަން މިޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމަށް. މާލޭގައި މި ބަލި ފެތުރިފައިވާތީ، މާލެއިން ރަށްރަށަށް ދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ، ރައްކާތެރި ކަމެއް ނޫން. އެއީ އެ ރަށްރަށުން ވެސް ބޭނުންވާ ގޮތެއް ނޫން،"މިއީ މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ ރައްޔިތުންގެ މަޖިލީހުންގެ ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްވި ސީދާ ޖަވާބެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި، ރަށެއްގައި ވައިރަސް ފެތުރިއްޖެ ނަމަ، އެ ރަށެއްގައި މި ވައިރަހާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ އެވެ. އަދި އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

މިދިޔަ މަހު 15 ވަނަ ދުވަހު މާލެއިން ފެނުނު ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސްއާއެކު މާލެ ފުރަބަންދު ކުރުމުން، ރަށަށް ނުދެވި މާލޭގައި ތާށިވި މީހުންގެ އަދަދު، 5،000 އަށް ވަނީ އަރައިފަ އެވެ.

މިވަގުތުގެ ހާލަތު އިތުރަށް ބިރުވެރިވާނީ، މާލޭގައި މުޅިން ބަލި ކޮންޓްރޯލް ނުކުރެވި އުޅެނިކޮށް ރާއްޖޭގައި އެތައް ރަށެއްގައި ބަލި ފެތުރިގެންފާނެތީ އެވެ. ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެ ހާލަތް ސިފަކުރައްވަނީ، އެއީ ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑު "މުސީބާތް" ކަމަށެވެ.

އެހެންވެ، ސަރުކާރުގެ ވިސްނުމަކީ، އެމީހުންގެ ފަރާތުން ރަށްތަކަށް މި ވައިރަސް ނުދާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމެވެ. ނަމަވެސް މަޖިލިސް މެމްބަރުން ހަރުއަޑުން ގޮވާލައްވަނީ، ރަށްރަށުގެ ރައްޔިތުން އެ ރަށްތަކަށް ގެންގޮސް، އެ ރަށްރަށުގެ ސްކޫލްތަކާއި ހޯލްތަކުގައި ކަރަންޓީނު ކުރުމަށެވެ. އެކަން ތަންފީޒު ކުރަން ކައުންސިލްތަކާ ހަވާލުކުރުމަށެވެ.

ރަށަށް ނުދެވި މާލޭގައި ތާށިވި ބަޔަކު ކަރަންޓީނަށް ގެންދަނީ --

ރައްޔިތުން އިންތިހާބު ކުރި މަންދޫބުންގެ ކަންބޮޑުވުމަކީ، މާލޭގައި މީހުން ތާށިވުމުން އެތައް ބަޔަކު ބިކަވެގެން ގޮސް، އެ ޝަކުވާ ކެނޑި ނޭޅި މެންބަރުންނާ ހަމަޔަށް އަންނަމުން ދިޔުމެވެ. އެ ޖަރުބާތުގެ ތެރެއިން މެންބަރުން ވިދާޅުވަނީ، ރިސޯޓްތަކުގައި ކަރަންޓީނު މަރުކަޒު ހަދައިގެން ރަށްތަކަށް ދާން ބޭނުންވާ މީހުން އެތަންތަނުގައި ކަރަންޓީނު ކުރުމަކީ ކޮންމެވެސް އެހެން ބޭނުމެއްގައި ކުރާ ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން މެންބަރުންގެ އޮތީ ތުހުމަތެވެ. ވިދާޅުވަނީ، ރަށްރަށުގެ ސްކޫލް ހޯލްތަކުގައި އެނދު ޖަހައި އެ ތަންތަނުގައި މީހުން ކަރަންޓީނު ކުރީމާ މައްސަލަ ހައްލުވީ ކަމަށެވެ.

ނަމަވެސް ސަރުކާރުން ބުނަނީ އެކަން އެއީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އެކަމުގައި ނުކުރެވިގެން ސަރުކާރަށް އުޅޭ ސަބަބުތަކުގެ ލިސްޓްވެސް ވަރަށް ދިގެވެ. މެންބަރުން ދައްކަވާ ވާހަކަ އާއި އަސްލު މައްސަލައިގެ ހަގީގަތް ވަރަށް ތަފާތެވެ. ރައްޔިތުންގެ ޝަކުވާގެ އަޑުތަކާ ހުރެ އުނދަގޫ ވެގެން މެންބަރުން ދައްކަވާ މޮޅަތި ވާހަކަތަކާއި ކަމުގެ ހަގީގަތާ ކިހާ ގާތް ހެއްޔެވެ؟

ހެލްތް މިިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ސަރުކާރުން ނިންމީ، ރަށްރަށުގައި އިންތިޒާމް ހުރި ވަރަކުން ރަށްރަށުގައި ބަލި ޖެހޭ މީހުން ކަރަންޓިން ކުރާށެވެ. ނަމަވެސް މާލެއަށް އަންނާނެ ކަމަށް ބެލުވުނު ސާޖާއެކު އެ ނިންމުން ބަދަލުކޮށް ފަހުން ނިންމުމަކަށްވީ ރަށްރަށް އެމީހުން އެރުވުމުގެ ކުރިން ޓްރާންސިޓް ކަރަންޓިން ފެސިލީޓީ ނުވަތަ ރިސޯޓެއްގައި އެމީހުން 14 ދުވަހު ކަރަންޓީން ކުރުމެވެ. ބޭނުމަކަށްވީ މުޅި ރާއްޖެއަށް ބަލި ފެތުރި ބިރުވެރި ހާލަތަކަށް ރާއްޖެ ސޮއްސާލުމުން ސަލާމަތް ކުރުމެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު މައްސަލައަކަށް ވާނީ މާލޭގައި މި ބަލި ކޮންޓްރޯލް ނުވެގެން އުޅެނިކޮށް ރަށްތަކަށް ފެތުރެން ފަށައި ފިއްޔާ. އެއީ ރަށްތަކުގައި ވަސީލަތްތައް މަދުވުމާ މި ހުރިހާ ކަމަކާ ހުރެ. އެހެންވެ، އެ ބިރުވެރި ހާލަތަށް ނުގޮސް، ރަށްތަކަށް ބަލިދާ ވަރު ކޮންޓްރޯލް ކުރަން މި މަސައްކަތް ކުރެވެނީ. އެތައްހާސް ބަޔަކު ކަރަންޓީނު ކުރުމުގެ ވިސްނުން ވެސް އޮތީ އެހެންވެ. އެ ރިކްސް [ރަށްރަށަށް ބަލިދިޔުމުގެ ރިސްކް] އަޅުގަނޑުމެން ނުނަގާނަން،" ހެލްތް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މާލެ ފިޔަވާ އެންމެ ބޮޑަށް ބަލި ފެތުރުނު، ށ. ނަރުދޫއަށް ހެލްތް މިނިސްޓަރު އަމީން ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

މިހާރު ސަރުކާރުގެ ޕްލޭނަކީ 14 ދުވަހަށް ކަރަންޓީނުކޮށް އެ ދުވަސް ހަަމަވުމުން، ކޮވިޑަށް ޓެސްޓްކޮށް ނަތިޖާ ނެގަޓިވްވުމުން އެ ރަށްތަކަށް އެމީހުން ގެންދިޔުމެވެ. މިހާރު ލިބިފައި ހުރި ރިސޯޓުތައް މަދުކަމުން އެ އެންމެން އެއްފަހަރާ ކަރަންޓީން ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ކޮންމެހެން މިވަގުތަށް ރަށަށް ދާންޖެހޭ ކަމަށް ފާހަގަވި، 1،800 މީހުންގެ ތެރެއިން 1،078 މީހަކު މިހާރު ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. އަދި ބާކީ ތިބި މީހުން މިމަހުގެ 24 ގެ ނިޔަލަަށް ކަރަންޓީން ކުރެވޭނެ ކަމަށް ރައީސް ސޯލިހު ރޭ ވިދާޅުވި އެވެ.

ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރާ އެންއޯސީސީގެ ތަރުޖަމާނު މަބްރޫ އަޒީޒު ވިދާޅުވީ، މިވަގުތު ޓްރާންސިޓް ކަރަންޓިން ފެސިލިޓީތަކުގައި ބޭނުން ކުރަމުން އަންނަނީ 24 ރިސޯޓެެއް ކަމަށާއި އަދިވެސް އިތުރު ތަންތަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި، އެޅޭ އެންމެ ކަތި ފިޔަވަޅަކުން މުޅި ރާއްޖޭގެ އާބަދީގެ ބޮޑު ބައެއް ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

"ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި ވައިރަސް ރާއްޖޭގެ އެހެން ރަށްތަކަށް ނުދިޔުމަށް. މިވަގުތަށް އަދިވެސް ސަރުކާރުގެ ވިސްނުމަކީ، ރަށްރަށް މީހުން އެރުވުމުގެ ކުރިން ރިސޯޓުތަކުގައި މީހުން ކަރަންޓިން ކުރުން،" މަބްރޫކު ވިދާޅުވި އެވެ.

ރަށްރަށުގެ ރައްޔިތުން އެމީހުން ރަށަށް އެރުވުމަށް ދެކޮޅު!

މޭ، 17، 2020: ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފުރަބަންދުގައި އޮތް އެ އަތޮޅު ނަރުދޫއަށް އެހީގެ ތަކެތި ފޮނުވުން: ރަށްރަށުގައި މާލޭގައި ތިބި މީހުން ކަރަންޓިން ކުރުމަށް ބައެއް ރަށްތަކުން ދަނީ ދެކޮޅު ހަދަމުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރައީސް ވިދާޅުވި ފަދައިން މާލޭގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދަނިކޮށް، މާލެއިން މީހުން ރަށްރަށަށް އެރުވުމަށް ބައެއް ރަށްތަކުން ދަަނީ ދެކޮޅު ހަދަމުންނެވެ.

ސަރުކާރުން އެންމެ ފުރަތަމަ އެއްކުރި މައުލޫމާތުތަކުން ރާއްޖޭގެ 200 ރަށުގެ ތެރެއިން ރަށްތަކުގައި ކަރަންޓިން ކުރަން އެއްބަސްވީ އެންމެ 30 ހެއްހާ ރަށުންނެވެ. ދެން ހުރި ރަށްތަކަކީ، އެގޮތަށް ކަރަންޓިން ނުކުރެވޭ ނުވަަތަށް މާލެއިން މީހުން އެރުމަށް ދެކޮޅު ހެދި ރަށްތަކެވެ.

އާބާދީގެ ނިސްބަތުން 15،000 އެއްހާ މީހުން އުޅޭ ގއ. އަތޮޅުގެ ހުރިހާ ރަށެއް އޭގެ ތެރޭގައި ހިމެނެ އެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވި ގޮތުގައި މިވަގުތު މާލޭގައި އެ އަތޮޅު 1،100އަށްވުރެ ގިނަ މީހުން ތާށިވެފައި އެބަތިއްބެވެ. އޭގެ ތެރެއިން އަދި މިހާތަނަށް ޖާގަ ލިބުނީ 14 މީހުންނަށްކަމަށް ފުއާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުން އަންނަން ބޭނުންވި ނަމަވެސް އަތޮޅުގެ ނުވަ ރަށުގެ ރައްޔިތުން އެމީހުން ކަރަންޓީން ނުކޮށް ރަަށަށް އެރުވުމަށް ދެކޮޅު ކަމަށެވެ.

"ސަރުކާރުންގެ ނިންމުގެ ކުރިންވެސް ގއ. އަތޮޅުގެ ހުރިހާ ކައުންސިލްތަކުން ވަނީ ނިންމާފައި މާލޭގައި ތާށިވެފައި ތިބި މީހުން ރަށުން ބޭރުގައި ކަރަންޓިން ކުރުމަށްފަހު ނޫނީ އެއްވެސް ރަށަކަށް ނުގެނައުމަށް. އެއީ ރައްޔިތުންގެ ކަންބޮޑުވުމެއް ރަށްތަކަށް މި ވައިރަސް ފެތުރިދާނެތީ،" ފުއާދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، މިއީ މިހާރު ބަހުސް ކުރެވޭ މައުޟޫއެއް ނޫން ކަމަށާއި މިކަމުގައި ޑޮކްޓަރުންގެ ލަފާގެ މަތިން ސަރުކާރުން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ކައުންސިލާއި ރައްޔިތުން ތިބީ އެގޮތަށް އަމަލުކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެ ވެ.

އޭނާ ވިިދާޅުވި ގޮތުގައި މާލޭގައި 146 ކުޅުދުއްފުށީ މީހުން ތާށިވެފައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ކަރަންޓީނަށް އަދި ލެވުނީ 26 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވެސް ގަބޫލު ކުރައްވަނީ އެޗްޕީއޭއިން އެ އޮތީ އެންމެ ރަނގަޅު ނިންމުން ނިންމާފައި ކަމަށެވެ.

ހާއްސަ އިންތިޒާމްތަކުގެ ތެރެއިން ރަށްތަކުގައި ކަރަންޓީން ކުރެވެންޖެހޭ!

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަރުކާރުންގެ ކަރަންޓިން ކުރުމުގެ އުސޫލަށް މެމްބަރުން ދެކޮޅު ހައްދަވައި --- ފޮޓޯ/ މަޖިލިސް

މާލެ ފުރަބަންދުގައި އޮންނަތާ މިހާރު ދޮޅު މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މާލޭގައި ތާށިވީ މީހުން ތިބީ ވަރަށް ހާލުގައި ކަމާ މެދު ޝައްކެއްނެތެވެ. އެ ނޫން ވެސް އެތައް ބަޔަކު މި ވައިރަހުގެ ހާލުގައި ޖެހިފައިވެ އެވެ.

ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑީޕީ ބައެއް މަޖިލިސް މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަަނީ ސަރުކާރުން މިކަމުގައި އަމަލު ކުރަމުންދަނީ ހަރަދުބޮޑު ގޮތަކަށް ކަމަށެވެ. އަދި ތާށިވެފައި ތިބި ރައްޔިތުން ރަށަށް ގެންދިޔުމުގައި މި ނޫން ގޮތަކަށް އަމަލު ކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ބުނެފައިވަނީ ކޮޓަރިއަކަށް ދުވާލަކަށް ނަގާނީ 750 ރުފިޔާ ކަމަށެވެ. އެ ރޭޓުން ބަލާއިރު ކޮޓަރިއަކަށް ދެމީހުން ލައިގެންވެސް 5،000 މީހުންނަށް 3.75 މިލިއަން ރުފިޔާ 14 ދުވަހަށް ހޭދަކުރަން ޖެހެ އެވެ. އަދި އެމީހުން ދަތުރުފަތުރަށް ވެސް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބެލެވެ އެވެ. އެއީ ބައެއް ރަށްތަކަކީ މިހާރުކަނޑައަޅާފައިވާ ކަރަންޓިން ފެސިލިޓީތަކާ ވަރަށް ދުރުގައި ހުރި ތަންތަނަށް ވުމެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު މައި ޕާޓީ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، 127 މީހަކު އެ ދާއިރާއިން ރަށަށް ދާނެ ބޭނުން ވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ކަރަންޓިން ފެސިލިޓީތަކަށް ގެންދެވުނީ 40 އެއްހާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭޭނާ ވިދާޅުވީ، މާލޭގައި ވަރަށް ގިނަ ރައްޔިތުން ދަތި ހާލަތުގައި ތާށިވެފައި ތިބި އިރު ސަރުކާރުން ވަރަށް ބޭކާރު ހަރަދުތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އޭނާގެ ދާއިރާގެ ރައްޔިތުންނަށް ކައިރި ހިސާބުތަކުގެ ރިސޯޓުތަކުން ކަރަންޓިން ކުރެވެން އޮއްވާ ދުރު ހިސާބުތަކަށް ކަރަންޓިން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަށްވުރެ ހަރުދަނާ އިންތިޒާމެއްގެ ތެރެއިން މިކަން ކުރެވޭނެ. އަޅުގަނޑަށް ފެންނަނީ ސަރުކާރުން ވަރަށް ގިނަ ކަންކަމުގައި ބޭކާރު ހަރަދުތައް ކުރައްވަމުން ގެންދަވާތަން. ތާށިވެފައި ތިބި ރައްޔިތުންނަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭން އެބަ ޖެހޭ" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތާށިވި ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެރަށްތަކަށް ގެންދިޔުމަށް ހާއްސަ އިންތިޒާމްގަތަކުގެ ތެރެއިން ޖާގަ ހުުރި ރަށްތަކުގައި ކަރަންޓީން ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މިހާލަތުގައި މިގޮތަށް ދަތި ހާލުގައި އުޅުމަށްވުރެ، ރަށްރަށުގައި މީހުން ދިރިނޫޅޭ ސަރައްހަދުތަކުގައި ކަރަންޓިން ކުރެވެން ވާނެ. ވަރަށް ކައިރިން މޮނީޓާކުރެވިގެން. މިހާރު ވަރަށް ބޮޑު ހަރަދެއް އެބަ ކުރަންވާ ރިސޯޓުތަކުގެ ކަރަންޓީނަނަށް... މިކަމުން ކޮރަޕްޝަނަށް ވެސް މަގުފަހިވޭ،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރު ޝިޔާމްއެކޭ އެއްގޮތަށް ސަރުކާރުގެ މެމްބަރުންވެސް ތަކުރާރު ކުރައްވަމުން ގެންދަވާ ވާހަކައަކީ އެއީ އެވެ. އެމްޑީޕީ މެމްބަރުން ވިދާޅުވާ ގޮތުގައި އެހާ ބޮޑު ހަރަދެއް ރިސޯޓުތަކުގައި ކަރަންޓިން ކުރުމަށްވުރެ ރަށްރަށުގައި ކަރަންޓިން ކުރެވެން ވާނެ އެވެ.

މާލޭގައި ތާށިވި ބަޔަކު ކަރަންޓީނަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ --

އެކަމަކު ސުވާލަކީ ރާއްޖޭގެ ހުރިހާ ރަށެއް ކަރަންޓީނު ކުރަން ތައްޔާރު ހެއްޔެވެ. އަދި އެކަމަށް ޖާގަ އެބަ އޮތް ހެއްޔެވެ؟ އަދި ކަރަންޓީނު ތަންފީޒު ނުވުމުގެ ބިރު އޮތް އިރު އެ ރިސްކު ނަގައިގެން މުޅި ރަށް ހަލާކުގެ ތެރެއަށް ގެންދިޔުމަކީ އަދި މާ ބޮޑަށް ހަރަދު ކުރަން ޖެހޭނެ ކަމެކެވެ. އޭރުން އަދި ކުރަން ޖެހޭ ހަރަދު މިހާރުގެ ހަރަަދަށް ވުރެ މާ ބޮޑުވާނެ އެވެ.

މީގެ އިތުރަށް މިހާރުވެެސް ކޮވިޑް-19އާ ދެކޮޅަށް ހަރަދުކުރި 800 މިލިއަނެއްހާ ރުފިޔާގެ ތެރެއިން ކަރަންޓީނު ކުރުމަށް ހިނގާފައި އޮތީ ނިސްބަތުން ވަރަށް ކުޑަ އެއްޗެކެވެ. ބޮޑު ހަރަދެއް ހިނގާފައި ވަނީ ސިއްހީ ފަރުވާދޭނެ ވަސީލަތްތައް ގަންނާށެވެ. އެހެން ވީމާ ކަރަންޓީނުގެ ހަރަދަކީ ކުރެވޭ މަސައްކަތާ ބަލާއިރު ނުބައްދަލު ހަރަދެއް ކަމަށް ބުނާ ވާހަކަ އަކީވެސް ހަގީގަތަކަށް ވުރެ އެކަމާ ދުރު ވާހަކަ އެކެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރަށްރަށުގެ ޓާސްކް ފޯސްތަކުން މިހާރުވެސް ވަރަށް ބުރަ މަސައްކަތް ކުރައްވާ ކަމަށާއި އެޗްޕީއެއިން ކުރަން ޖެހޭ ގިނަ ކަންކަން ރަށްރަށުގައި ކުރަނީ އެބޭފުޅުންގެ ބޮޑު އެހީތެރިކަމާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް ރަށްރަށުގައި ކަރަންޓީނު ކުރުމަކީ ބޮޑެތި ޗެލެންޖާއި ރިސްކު ހިމެނޭ ކަމެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެހެންވެ، ސަރުކާރުގެ ވިސްނުމަކީ، ރަށްފުށުގެ ކަރަންޓީނު ބަދަލުގައި ރާއްޖެ ސަރަހައްދު ތަކަކަށް ބަހާލައި ކަރަންޓީނު ފެސިލިޓީތަކެއް ގާއިމް ކުރުމެވެ.

"މީގައި އަޅުގަނޑުމެން ރާވާފައި މި ވަނީ ބިން ބޮޑު ވަސީލަތް ހުރި ރަށްތައް ބަލާފައި ފަސް ސަރަހައްދެއްގައި ފަސް ރަށެއްގައި ކަރަންޓީނު މަރުކަޒުތަކެއް ހަދަން. އެއީ އާންމު އާބާދީތަކާ ދުރުގައި މި ތަންތަން ގާއިމްވެފައި ހުންނާނީ، އަދި ވަސީލަތްތައް ހުރި ތަންތަން އެއީ މިހާރުވެސް. އޭގެ ތެރެއިން ކަރަންޓީނު ކުރުމުގެ މަސައްކަތް ލާމަރުކަޒީ ކުރުމުގެ ވިސްނުން މި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މޭ، 17، 2020: އާބާދީގައި 600 އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށު ތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުރިން ވާހަކަ ދެއްކެވި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވެސް ވިދާޅުވީ، އެ ސިޓީގައި މިހާރުވެސް 100 އެއްހާ މީހުން ކަރަންޓިން ކުރުމުގެ ޖާގަ އެބަ އޮތް ކަމަށެވެ. ކުޅުދުއްފުއްޓަކީ ވެސް ސަރުކާރުން ކަރަންޓީނު މަރުކަޒު ހަދާ ބޭނުން ކުރަން ވިސްނާފައިވާ ރަށެކެވެ.

ޑޮކްޓަރުންގެ އިރުޝާދާއެކު ރަށްރަށުގައި ކަރަންޓިން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުން ނިންމަވާފި ނަމަ، އެ ކައުންސިލުން އޮތީ އެކަމަށް ތައްޔާރުވެގެން ކަމަށް ކައުންސިލް ރައީސް، އަބްދުއްލަތީފް ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ދެން އޮތް ފޭސްއަކީ މާލޭގައި މިހިރަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭއިރު ކޮވިޑް-19 ގެ ފަރުވާއަށް މުޅި ރާއްޖެ ތައްޔާރު ކުރުމެވެ. އެގޮތުން އަތޮޅު ތެރޭގައި މި ބައްޔަށް ރާވާފައިވާ ފަރުވާގެ ނިޒާމް އެކްޓިވޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ ރޭވުންތެރިކަމާ އެކު ދެލިކުރެވިގެން ހިސާބުޖެހިގެން ކުރެވޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މިދާ ފޭސްއަކީ ފިޔަވަޅުތައް ލުއިކުރުމުގެ ކުރިން ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުން އަދި ރަށްރަށުގައި މި ހުރި ފަރުވާގެ ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް. އެގޮތުން ފަސް ސެންޓަރުގެ ތެރެއިން އަޅުގަނޑުމެން މިކަން ކުރާނީ. އެތަންތަން އެކްޓިވޭޓް ކުރުމުގެ މަސައްކަތް މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މެންބަރުން ކިތަންމެ މޮޅުކޮށް އެކި ރާގު ރާގަށް ވާހަކަ ދެއްކެވި ނަމަވެސް ރަށްފުށުގެ ކަރަންޓީނަކީ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. ސަބަބަކަށް ވަނީ، ޒަމާނުއްސުރެ ރަށްރަށުގެ ސިއްހީ ނިޒާމުގެ ވަރުދެރަ ކަމެވެ. އަދި އާންމުންގެ ވިސްނުން މީހުން ރަށުގައި ކަރަންޓީނު ކުރުމާ ދެކޮޅު ވުމެވެ. އެ ހުރިހާ ގޮތަކަށް ވިސްނާ ނަމަ، ކޮންމެ ރަށެއްގައި މީހުން ކަރަންޓީނު ކުރުމަކީ ވަށާ ޖެހޭ ސިޔާސަތަކަށް ނުވާނެ އެވެ. މިވަގުތަށް އޮތީ މިހާރުގެ ސިޔާސަތެވެ. އެއީ މުޅި ރާއްޖޭގެ އެންމެންގެ ރައްކަލަކަށް ޓަކައި އިހުތިރާމް ކުރަން ޖެހޭ ސިޔާސަތެކެވެ.

comment ކޮމެންޓް