ރައީސް ޔާމީންގެ އުފަންދުވަހު އިދިކޮޅުގެ މެސެޖު: ގައުމު ގޮވަނީ މަނިކުފާނުގެ ހިދުމަތަށް

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ރައީސް ޔާމީން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އުފަންދުވަހުގައި ގައުމު ގޮވަމުން ދަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިއަދަކީ ރައީސް ޔާމީންގެ 61 ވަނަ އުފަން ދުވަހެވެ. އެމަނިކުފާނުގެ އުފަންދުވަހުގެ މުސާބަތުގައި ޕީޕީއެމް/ޕީއެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމަނިކުފާނުގެ އުފަން ދުވަސް ފާހަގަކުރަމުންދާއިރު މުޅި ގައުމު އެދި ގޮވަމުން ދަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށެވެ. އަދި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

"ދިވެހި ގައުމު ވެއްޓިފައި މިވާ އަނދަވަޅުން ސަލާމަތްކޮށް، ފުނޑިފައިވާ ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައި ގައުމު އާރާސްތު ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން މިއަދު ދިވެހި ރައްޔިތުން ގަބޫލު ކުރެ އެވެ. އަދި އެމަނިކުފާނަށް ލިބެމުންދާ ނުހައްގު އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ގައުމުގެ ހުންގާނު އެމަނިކުފާނާ ހަވާލު ކުރުމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ،" ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީން މިނިވަންކޮށް، ގައުމުގެ ހުންގާނު އެމަނިކުފާނާ ހަވާލު ކުރަށް އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތުގެ މަތީގައި ސާބިތުވެ ތިބި ކަމަށްވެސް އެ ޕީޕީއެމް/ޕީއެންސީއިން ބުންޏެވެ.

އަދި ހައިކޯޓުގައި އޮތް އެމަނިކުފާނުގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުންތައް އަވަސްކޮށް، އެމަނިިކުފާނު ގޭބަންދަށް ބަދަލުކުރުމަށް އެ ކޯލިޝަނުގެ ބަޔާނުގައި ސަރުކާރަށް ގޮވާލި އެވެ.

މިވަގުތު ޖަލުގައި ގިނިކަންޏާ އޮންނަވަން ޖެހުނަސް ރައީސް ޔާމީންގެ އެދުމަކީ، ދިވެހި ރައްޔިތުން ގައުމު އިސްކޮށް، ގައުމާއި ރައްޔިތުންގެ ސަލާމަތަށް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އެ ކޯލިޝަނުން ބުނެފައިވެ އެވެ.

ރޭ ޗެނަލް 13ގައިި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ހާލުކޮޅު މިހާރު ވަރަށް ދެރަ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ އެމަނިކުފާނަކީ މައިބަދައާއި ހިތުގެ އާލާސްކަންފުޅެއް ހުންނަ ބޭފުޅެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް ކޮޅަށް ހުރެގެން ނަމާދުވެސް ނުކުރެއްވޭ ކަމަށެވެ.

"ރައީސް ޔާމީނަށް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މިދަންނަވަނީ،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އުފަންދުވަހުގެ މުސާނަބަތުގައި އަބްދުއްރަހީމް އަބްދުﷲގެ ވީޑިއޯ މެސެޖެއްގައިވެސް ވިދާޅުވީ، މިވަގުތަކީ ރައީސް ޔާމީންގެ ހިދުމަތަށް ރާއްޖެ ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަގުތެއް ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިވަގުތަކީ ރައީސް ޔާމީންގެ ބޭނުން ގައުމަށް އެންމެ ބޮޑު ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހޭދަ ކުރަމުންދާ ދުވަސްތަކަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށްވެސް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

"ރައީސް ޔާމީނަށް އަދިވެސް އެއްފަހަރު ދަންނަވާލަން ބޭނުން. މަނިކުފާނު ޖަލުގައި އެކަނިވެރިކަމާ އެކީގައި އަނިޔާވެރިކަމުގެ ދާނެއްގައި ތި ހޭދަކުރައްވާ ދުވަސްތަކަކީ އަޅުގަނޑުމެންނަށްވެސް ފަސޭހަ ދުވަސްތަކެއް ނޫނޭ. އަޅުގަނޑުމެންނަށްވެސް އުނދަގޫ ދުވަސްތަކެކޭ. ތި އަސަރުގައި، ތި ހިތްދަތިކަމުގައި، ތި ހިތާމައިގައި، އަޅުގަނޑުމެންގެ ދެ ޕާޓީގެ ހުރިހާ އެންމެން ބައިވެރިވަމޭ. އެއާ އެކު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މި ތިބީ މަނިކުފާނާ އެކުގައި ސާބިތުވެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

comment ކޮމެންޓް