ރާއްޖޭގައި ތިބި 237 މީހަކު އެނބުރި ގައުމަށް

ރާއްޖޭގައި ތިބި ބޭރުގެ 237 މީހަކު ފުރުން -- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ 237 މީހަކު އެނބުރި ގައުމަށް ފުރައިފި އެވެ.

އިމިގްރޭޝަނުން ބުނީ މީގެ ތެރޭގައި ހިމެނެނީ ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ 47 މީހަކާއި އިންޑޮނޭޝިއާގެ 190 މީހެއް ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ.

އެގޮތުން މޯލްޑިވިއަންގެ ޗާޓާޑް ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުންދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.

މިއަދު ފުރި ޔޫރަޕުގެ ގައުމުތަކުގެ މީހުން އެނބުރި ގައުމުތަކަށް ދާނީ ކޮލަމްބޯ މަގުންނެވެ. އިންޑޮނޭޝިއާގެ ރައްޔިތުން ފުރާފައިވަނީ އިންޑޮނޭޝިއާގެ ފްލައިޓެއްގައެވެ.

ރާއްޖޭގައި އެކި ގައުމުތަކުގެ ފަތުރުވެރިން އަދިވެސް ތިބިއިރު، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. ފަތުރުވެރިންގެ އެކި މަސައްކަތްތައް ކުރުމަށް ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން އެނބުރި ގައުމަށްދާން ބޭނުންވާ މީހުން މީގެ ކުރިންވެސް ވަނީ ހާއްސަ ފްލައިޓުތަކުގައި ފުރައިފައެވެ.

އޭގެ ތެރޭގައި ތައިލެންޑް، އިންޑޮނޭޝިއާ، ފިލިޕީންސް، ބަންގްލަދޭޝްގެ އިތުރުން ސައުތު އެފްރިކާ އާއި ޔޫރަޕުގެ ގައުމުތައް ހިމެނެއެވެ.

comment ކޮމެންޓް