އަމްފާންގެ ވިއްސާރައެއް ރާއްޖެއަށް ނުކުރޭ، މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ: މެޓް

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެއަށް އެއްވެސް އިރެއްގައި ތޫފާން އަމްފާންގެ ވިއްސާރައެއް ނުކުރާ ކަމަށާއި، އޭރުވެސް މިހާރުވެސް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓަކު "ސަން"އަށް ވިދާޅުވީ، ރާއްޖެއަށް އެއްވެސް އިރެއްގައި ތޫފާން އަމްފަންގެ ސަބަބުން ސީދާ ވިއްސާރައެއް ނުކުރާ ކަމަށެވެ. ނަމަވެސް، ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ވައިގަދަވި ކަމަށް ވިދާޅުވި އެވެ.

"ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ވަރަކަށް ވިއްސާރައެއް ނުކުރޭ. ރާއްޖެއަށް ކުރި ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެގެން ކުރި ވިއްސާރައެއް. އޭރުވެސް އަދި މިހާރުވެސް،" މެޓްގެ މީޓިއޮރޮލޮޖިސްޓު ވިދާޅުވި އެވެ. "ރާއްޖޭގެ ސަރަހައްދަށް އެ ދުވަސްކޮޅު ތަންކޮޅެއް ވައި ބާރުކޮށް ހިފެހެއްޓުން ކޮންމެވެސް ވަރަކަށް އެއާ ގުޅިފައި އިންނާނެ. އޭގެ ސީދާ އަސަރެއް އެއީ. އެކަމަކު އޭރުވެސް ރާއްޖެއަށް ކުރި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ،"

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދުރާއްޖެތެރެއަށް އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް 24 ގަޑިއިރަށް ބެލެވެނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ. ހާއްސަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި، އުތުރަށް ދޭތެރެ ދޭތެރެއިން ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ. ވައި އެވަރެޖުކޮށް ހުންނާނީ މިއަދުވެސް 15 މޭލާއި 25 މޭލާއި ދޭތެރޭގައި. ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 55 މޭލާއި ދޭތެރޭގެ އަދަދަކަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ،" މެޓްގެ މީޓިއޮރޮޖިސްޓު ވިދާޅުވި އެެވެ.

އާންމުކޮށް ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ ދެވަނަ ހަފްތާގައި ކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވެ އެވެ. އަދި ހުޅަނގު މޫސުން ފެށޭ އިރުގައި ބޭ އޮފް ބެންގާލް ސަރަހައްދުގައި ތޫފާން އުފެދުމަކީ އެ ދުވަސްވަރުގެ އާންމު ސިފައެއް ކަމަށް ބުނެފައިވެ އެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު މިއަދު މެންދުރު 1:00ގެ ނިޔަލަށް ހ. އަތޮޅުން ފެށީގެން ޅ. އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލާޓު ނެރެފަ އެވެ. އަދި ހަވީރު 3:00 ގެ ނިޔަލަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ.

comment ކޮމެންޓް