ޓޫރިޒަމް ގައިޑްލައިން އެކުލަވާލީ މަޝްވަރާ ނުކޮށް: މަޓާޓޯ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގެ ތެރެއިން-- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭޭގެ ފަތުރުވެރިކަން އަލުން ފެށުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލި ޑްރާފްޓު އެކުލަވާލުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާ މަޝްވަރާ ކޮށްފައިނުވާ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފި އެވެ.

އެ ޖަމްއިއްޔާ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އަށް ކަމަށާއި މާލީ ގޮތުންވެސް އަދި އިންސާނީ ވަސީލަތްތަކުގެ ގޮތުން ބެލިނަމަވެސް، އެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ ތެރޭގައި ހިމެނޭ މަޓާޓޯ އިން ބުނީ މޯލްޑިވްސް ސޭވިން ޓުއަރިޒަމް ގައިޑްލައިން ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލި ޑްރާފްޓު އެކުލަވާލުމުގައި އެ ޖަމްއިއްޔާގެ ބަހެއް ހޯދާފައި ނުވާ ކަމަށާއި، ޑްރާފްޓު އެކުލަވާލުމަށްފަހު އެއަށް ކޮމެންޓް ކުރަން ޓޫރިޒަމް މިނިސްޓްރީ އިން އެދިފައިވާ ކަމަށެވެ.

މަޓާޓޯ އިން ބުނީ ޓޫރިޒަމްގެ އެސްއޯޕީ އަށް ކޮމެންޓު ކުރުމަށް މަޓާޓޯގެ ޕާޓްނަރުންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ޓޫރިޒަމް އަލުން ފެށުމާ ގުޅޭ ގައިޑްލައިން އަށް ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހުށަހަޅަން ހުޅުވާލާފައިވާތީ އެކަން ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓޫރިޒަމް އިން އެކުލަވާލާފައިވާ ގައިޑްލައިންގައި ބުނެފައިވާގޮތުން ކޮވިޑް-19 އަށް ފަހު ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރާނެ އެވެ.

މި ލައިސަންސް އަށް 50،000 ޑޮލަރު ޗާޖު ކުރާނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ. އަދި ޓޫރިސްޓުންގެ އަތުން ވިސާ ފީ އަށް 100 ޑޮލަރު އަދި ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުންވެސް 50،000 ޑޮލަރުގެ ފީ އެއް ނަގާނެ އެވެ

ރާއަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ވެސް އެ ގައިޑްލައިންގައި ހިމަނާފައިވެއެވެ. މި ޓެސްޓު ކުރުމަށްވެސް 100 ޑޮލަރުގެ ފީ އެއް ނަގާނެ ކަމަށް ގައިޑްލައިންގައި ހިމަނާފައިވެއެވެ.

މަޓާޓޯ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސްފައިވާއިރު، މި އެސްއޯޕީ ނުވަތަ ގައިޑްލައިން އެކުލަވާލުމަށް ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބަސް ހޯދުން މުހިއްމު ކަމަށެވެ. ރާއްޖޭގެ 40 އަހަރުވީ ފަތުރުވެރިކަމުގެ އަގު ހިފެހެއްޓުމުގެ މުހިއްމުކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިން އަކީ ރާއްޖޭގެ ބްރޭންޑު އަގު ބޭރުގައި ވެއްޓޭނެ ކަންތައްތަކެއް ހިމެނޭ ގައިޑްލައިންއެއް ކަމަށެވެ.

މި ގައިޑްލައިން ގައި ބުނާ ކަންތައްތަކާމެދު ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އެބަހުރި ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

މަޓާޓޯ އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފަހުރުވެރި މާޒީގައި، ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ދިވެހިން ގެންގުޅުނު ގޮތް ދޫކޮށްނުލުމަށްވެސް ގޮވާލައިފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ސަރުކާރުން ކުރާ މަސައްކަތް އެ ޖަމްއިއްޔާ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

https://sun.mv/137000

comment ކޮމެންޓް