ތޫފާން އަމްފާން: ކަލްކަތާ ސުންނާފަތިވެ، 15 އަށް ވުރެން ގިނަ މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަތާއަށް ތޫފާން އަމްޕަން އެރުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި --- ފޮޓޯ/ ސަމަރައިޒާ ޑޮޓް ކޮމް

ބޭ އޮފް ބެންގާލްގައި އުފެދިގެން މިހާރު އިންޑިއާގެ އުތުރަށް ދަތުރުކުރަމުންދާ ތޫފާން އަމްފާންގެ ސަބަބުން ރޭ 15 އަށްވުރެން ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

އެޓްލާންޓިކް ކަނޑުގައި އާންމުކޮށް އުފެދޭ ތޫފާންތަކުގެ ނުރައްކާ އަންދާޒާކުރުމަށް ބޭނުންކުރެވޭ ކެޓެގަރީތަކުގައި ހިމެނޭ އެންމެ ނުރައްކާތެރި ގިންތިޔަށް މި ތޫފާން މިހާރު ވަނީ ވަރުގަދަވެފަ އެވެ. އަދި މިހާރު އެ ތޫފާން އެއްގަމަށް އަރާފައިވާ އިރު ރޭގެ ވަގުތެއްގައި ތޫފާންގެ އަސަރު ކުރި ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ، ފުރާނަތަކެއް ވެސް ގެއްލިފަ އެވެ.

އެގޮތުން އިއްޔެ އިންޑިއާ އާއި ބަންގްލަދޭޝް ގުޅޭ ބޯޑަރު ސަރަހައްދަށް އަރާފައިވާއިރު، އޭގެ ސަބަބުން މިހާތަނަށް 15 މީހަކު މަރުވެ، ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ދެ ގައުމުން ވެސް ވަނީ ބުނެފަ އެވެ.

އޭގެ ތެރޭން އެންމެ ބޮޑެތި ގެއްލުން ވެފައިވަނީ އިންޑިއާގެ ކަލްކަތާ ސްޓޭޓަށެވެ. ކަލްކަތާ ސްޓޭޓުގެ ބޮޑު ބަޔަކުން މިހާރު ކަރަންޓް ވެސް ކެނޑިފައިވާ އިރު، މުވާސަލްތައް ވެސް ވަނީ ބޮޑު ބަޔަކުން ކެނޑިފަ އެވެ. އަދި ގަދަ ވަޔާއި، ވިއްސާރައިގެ ސަަބަބުން ގަސްތަކާއި، ބައެއް ގެތައް ވެސް ވަނީ ވެއްޓިފަ އެވެ.

އަމްފާން ދަތުރުކުރަމުންދަނީ ގަޑިއަކު 100 މޭލުގެ ބާރު މިނުގައެވެ. އެއީ އެޓްލާންޓިކް ތޫފާނުގެ ކެޓަގަރީ ދެއެއްގެ ބާރުމިން ހުރި ތޫފާނެކެވެ. އެ ތޫފާނު މިއަދު ބަންގްލަދޭޝްގެ އެރުމަށް ފަހު، ބޫޓާނާ ދިމާއަށް މިސްރާބު ޖަހާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

އަމްޕަން ތޫފާނާ ގުޅިގެން، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވުމާއި، ކިސަޑު ފޭބުމުގައި ރެެކޯޑް އޮންނަ ބަންގްލަދޭޝްއިން މިހާތަނަށް ހަތަރު މަރު ރިޕޯޓު ކޮށްފައިވާއިރު، އިންޑިއާގައި 10 މީހުން މަރުވެފައި ވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ މީޓްރޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން މިއަދު ބުނީ، ތޫފާނުގެ އަސަރު ރާއްޖެއަށް މިހާރު ނުކުރާ ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސަރަ ކަމަށް މެޓުން ބުންޏެވެ.

މިދިޔަ އަހަރުގެ މިދުވަސްވަރު ވެސް ވަނީ އިންޑިއާގެ ބެންގަލް ބޭގައި ވަރުގަދަ ތޫފާނެއް އުފެދި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ތޫފާން "ފަނީ" ގެ ސަބަބުން އެއް މިލިއަން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އަދި ތޫފާނުގެ ސީދާ އަސަރު ކުރާނެ ކަމަށް ބެލެވުނު 10،000 ވިލެޖާއި 52 އަވަށުގެ މީހުން ވަނީ 900 ވަގުތީ ހިޔަލަށް ބަދަލުކޮށްފައެވެ.

ތޫފާން ފަނީ އަކީ 1999 ވަނަ އަހަރަށް ފަހު އިންޑިއާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެފަހަރު އެރި ތޫފާނުގައި އިންޑިއާއިން ވަނީ 10،000 މީހުން މަރުވެފައެވެ.

އިންޑިއާގައި އާއްމުކޮށް ތޫފަން އަރާ ދެ ސީޒަނެއް އޮވެއެވެ. އެއީ އެޕްރީލް މަހުގެ ފަހު ކޮޅުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

comment ކޮމެންޓް