ފުރަބަންދުގައި ހައިކޯޓަށް 22 މައްސަލައެއް ހުށަހަޅައިފި

ހައިކޯޓު --- ސަން ފޮޓޯ

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދުކުރުމާއި އަދި ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން އެ މުއްދަތުގެ ތެރޭގައި ހައިކޯޓުން އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 22 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިއަދު ބުނީ ހުށަހެޅި 22 މައްސަލައިގެ ތެރެއިން 17 މައްސަލައެއް ބަލައިގެންފައިވާ ކަމަށެވެ.

ހައިކޯޓުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ޚަސްމުން ހައިކޯޓު ދެކުނު ބްރާންޗަށް ހާޒިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބަންދު އަމުރުގެ މައްސަލައެއް ހިންގައި މޮނިކޮމް އަމުރުގެ ހަތް އަމުރެއް ހައިކޯޓުން ނެރެފައިވާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން މި މުއްދަތުގެ ތެރޭގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް "ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުސޫލު" ވަނީ އާންމުކޮށްފައެވެ.

އެ އުސޫލުގެ ދަށުން ހައިކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ މައްސަލަތައް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

އެއީ ބަންދު އަމުރުގެ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ކޯޓު އަމުރުތަކާއި އިސްތިއުނާފުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދިފައިވާ މައްސަލަތަކާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކާއި ގެވެށި އަނިޔާއާގުޅޭ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކެވެ.

އަދި، މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، އެމައްސަލައަކީ އަވަހަށް ޝަރީއަތް ހިންގަންޖެހޭ މައްސަލައެއްކަމަށް އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެވިއްޖެނަމަ އެމައްސަލައެއް ކޯޓުގައި ހިންގިދާނެކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަޑުއެހުން ބޭއްވުމަށް ތާވަލުކުރެވޭ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޝަރީއަތް ހިންގުމަށް ގާނޫނީ ހުރަހެއް ނެތް މައްސަލައެއް ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

އެފަދަ ވަސީލަތެއް ނެތްނަމަ ޝަރީއަތަށް މީހުން ވެއްދުމާއި ނެރުމަށް ހަމަޖެހިފައިވަނީ އާންމު ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށް އުސޫލުގައި ބުނެއެވެ.

ހައިކޯޓުން ބުނީ އޮންލައިންކޮށް މައްސަލަތައް ގެންދިއުމުގައި ލިބުނު ތަޖުރިބާއަށް ބަލައި މާފުށީ ޖަލާއި އަދި ޕޮލިހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ މައްސަލަތައް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް