ރޯދަމަހު އިތުރުގަޑީ ފައިސާދޭ އުސޫލަށް ބަދަލު ނުގެންނާނެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސް މުވައްޒަފުންނަށް ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ނުގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އިއްޔެ ނެރުނު ސާކިޔުލާއެއްގައި ބުނެފައިވާގޮތުން ރޯދަމަހަކީ ހާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައަޅާފައިވާ މަހެއްކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން 16 މެއި ވަނަ ދުވަހު ނެރުނު ސާކިޔުލާ އާއި ހަވާލާ ދީފައިވަނީ އެ ސާކިޔުލާގެ ނަންބަރު ހަޔަކަށް އަމަލު ކުރަން ފަށާނީ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ފަހުން ކަމަށެވެ.

އެ ސާކިޔުލާގެ ހަ ވަނަ ނަންބަރުގައި ބުނެފައިވަނީ ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން އިތުރުގަޑީގެ ފައިސާ ދޭނީ ހަފްތާއަކު 48 ގަޑިއިރުގެ މަސައްކަތް ހަމަވުމުން ކަމަށެވެ.

ފިނޭންސް އިން އިއްޔެ ނެރުނު ސާކިޔުލާގައި ބުނީ ޝައްވާލު ހަތެއްގެ ނިޔަލަށް އިތުރުގަޑީގެ ފައިސާ ކަނޑައެޅުމުގައި މީގެ ކުރިންވެސް ރަމަޟާން މަހުގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުން ކަމަށާއި ޝައްވާލު އަށެއްގެ ފަހުން އަމަލުކުރާނީ މެއި 16 ގައި އާންމުކުރި ސާކިޔުލާގައި ބުނާގޮތަށް ކަމަށެވެ.

ފިނޭންސް އިން މި ސާކިޔުލާ ނެރެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަށް ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރުމުންވެސް އިތުރުގަޑީގެ ފައިސާ ނުލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު މިމަހުގެ މުސާރަ މުއްދަތުން ފެށިގެން މިނިސްޓްރީ އިން ވަކިގޮތެއް ނިންމަންދެން މުސާރަ ކުޑަކުރަން ވަނީ ނިންމައިފަ އެވެ.

https://sun.mv/136863

މީގެ އިތުރުން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރައިން ބަޔެއް އުނިކުރަންވެސް ވަނީ އިއްޔެ ފާސްކޮށްފަ އެވެ.

comment ކޮމެންޓް