ޖޫންގެ ނިޔަލަށް ވިސާ ފީ ޖޫރިމަނާ ދައްކަން ނުޖެހޭނެ

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

މާޗު މަހުގެ 19 އިން ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން މާޗު 19 އިން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވާތިއްޔާއި ލޮކްޑައުންގެ ސަބަބުން މާލޭސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާތީ، މި މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވިސާ، ޑިޕެންޑެންޓު ވީސާ، ވޯކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާ އަށް ފައިސާ ދެއްކުމުގައި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މާޗު 19 އިން ފެށިގެން ޖޫން މަހުގެ ނިޔަކަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ވިސާ ފީގެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކުރުމުގެ ކުރިން ވިސާ ޖެހުމަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ވިސާ ޖެހުމަށްފަހު ދަނީ ދޫކުރަމުންނެވެ.

comment ކޮމެންޓް