ޒަހަމްވެފައި ހުރި އިތުރު ބިދޭސީއަކު ގުރައިދޫން ފެނިއްޖެ

ތ. ގުރައިދޫގައި ބިދޭސީ މީހާ މަރާލާފައި އޮތް ސަރަހައްދު --- ފޮޓޯ: އެމްވީކްރައިސިސް

ޒަހަމްވެފައި ހުރި އިތުރު ބިދޭސީއަކު ތ.ގުރައިދޫއިން ފެނިއްޖެ އެވެ.

ގުރައިދޫ ކައުންސިލް މެމްބަރު ނައުފަލް ހަސަން "ސަން" އަށް ވިދާޅުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އެމީހާ ފެނުނީ އޭނާ ދިރިއުޅޭ ގޭގައި އިތުރު ބިދޭސީންތަކަކާ އެކު ނިދަން އުޅެނިކޮށް ކަމަށެވެ.

ވަޅި ހަރާ މަރާލުމަށްފަހު، އެއްލާލާފައި އޮތް ބިދޭސީއަކުވެސް މިރޭ އެ ރަށުން ފެނިފައިވެ އެވެ. އެ ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް އެ ބިދޭސީ މީހާ މަރުވެފައިވާ ކަމަށް މަރުކަޒުން ވަނީ ބުނެފަ އެވެ.

އެ ބިދޭސީ މީހާގެ މަރާ އެކު އެ ރަށުގައި ބިދޭސީން ދިރިއުޅޭ ތަންތަން ޗެކް ކުރުމުގެ މަސައްކަތް ފުލުހުން ވަގުތުން ފެށިއެވެ. ގުރައިދޫ ކައުންސިލް މެމްބަރު ނައުފަލް ވިދާޅުވީ، ޒަހަމްވެފައި ހުރި އިތުރު ބިދޭސީއަކު ފެނުނީ ބިދޭސީން ދިރިއުޅޭ ތަންތަން ޗެކް ކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެ ބިދޭސީ މީހާއާ އެކު އިތުރު ދެ ބިދޭސީއަކު އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު ކަމަށާއި، ފުލުހުން އެ ކޮޓަރިއަށް ވަން އިރު އެ އެންމެވެސް އުޅުނީ ނިދަން އޭނާ ވިދާޅުވި އެވެ.

އަދި ޒަހަމް ވެފައިވާ ބިދޭސީ މީހާ އޭރު ޑޮކްޓަރަށް ދެއްކުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް ނައުފަލް ވިދާޅުވި އެވެ.

"ފުލުހުން ވަނީ ވަގުތުން އެ ބިދޭސީ މީހާ ހެލްތު ސެންޓަރަށް ގެންގޮސްފައި. އަދި އޭނާއަށް ލިބިފައިވާ ޒަހަމްތަކަށް ހެލްތް ސެންޓަރުން ވަނީ ފަރުވާ ދީފަ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަކަށް ފާހަގައެއް ނުކުރެވޭ،" ނައުފަލް ވިދާޅުވި އެވެ.

އެ ބިދޭސީ މީހާ ދިރިއުޅުނު ގޭ ކައިރިން ލޭ ފެނުނު ކަމަށާއި، އޭނާ ޒަހަމްވެފަައި ވަނީ ކިހިނެތްކަން އަދި އެނގިފައި ނުވާކަމަށް ނައުފަލް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން މިވަގުތު އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި، މައްސަލަ ހިނގި ގޮތް ސާފު ވާނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް ވެސް ނައުފަލް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް