ކޮރޯނާ ފަންޑަށް ލާރި ހޯދުމަށް 19 ދުވަހުން 19 މެރަތަން

ކްރިސްޓިއަން ވާލީ 19 މެރަތަން ދުވުމަށްފަހު ---

ކޮރޯނާ ވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑަކަށް ފައިސާ ހޯދުމަށްޓަކައި މަޝްހޫރު ދިގު ދުވުންތެރިނާ ކްރިސްޓިއަން ވާލީ 19 ދުވަސް ތެރޭގައި 19 މެރަތަން ފުރިހަމަ ކޮށްފި އެވެ.

އުމުރުން 35 އަހަރުގެ އައިޒަލް އޮފް މޭންގެ ދުވުންތެރިޔާ ވާލީގެ ޗެރިޓީ ރަން ފެށީ މި މަހުގެ ފުރަތަމަ ދުވަހު ހެވެ. އަދި އެއަށް ފަހު އޭނާ ވަނީ 26.2 މޭލަށް ދުވެ 19 ދުވަސް ތެރޭ 19 މެރަތަން ފުރިހަމަ ކޮށްފަ އެވެ. ވާލީގެ މި ދުވުން ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވާ އިރު އޭނަގެ ޓާގެޓަކަށްވި 23،000 ޑޮލަރަށް ވުރެން ހަތަރު ގުނަ އިތުރަށް ވާލީއަށް އެދުވުމުން ފައިސާ އެއްކުރެވިފައިވެ އެވެ.

ޕީލްއާއި ކެޕިޓަލް އޮފް ޑޮގްލަސްއާ ދޭތެރޭ ދުވެގެން ވާލީ ވަނީ ޖުމުލަ 102,000 ޑޮލަރު ޗެރިޓީގެ ގޮތުގައި ހޯދައިފަ އެވެ. އަދި މި ފައިސާ އޭނާ ހަދިޔާ ކުރުމަށް ނިންމާފައި ވަނީ އައިޒަލް އޮފް މޭންގެ މޭންއެކްސް ސޮލިޑަޓަރީ ފަންޑަށެވެ.

ކްރިސްޓިއަން ވާލީ 19 މެރަތަން ދުވުމަށްފަހު އޭނަގެ ދަރިފުޅާ އެކު ---

އިނގިރޭސިވިލާތާއި އަޔަލެންޑާއި ދެމެދުގައި އޮންނަ އައިރިޝް ސީގައި އޮންނަ އައިޒަލް އޮފް މޭން އަކީ ބްރިޓިޝް ކިންގްޑޮމްގެ ދަށުގައި އޮތް އަމިއްލަ ދައުލަތަކާ އެކު ހިންގާ ގައުމެކެވެ. އެގައުމުގައި މިހާތަނަށް 335 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ އިރު އެ ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފަ އެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް އައިޒަލްސްގައި އޮފް މޭންގައި ވެސް ލޮކްޑައުންގައި ފިޔަވަޅުތައް އަޅާފައި އޮތް އިރު އާއްމު އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އެހެން ނަމަވެސް ބޭރަށް ނުކުމެ އުޅުމުގައި ސޯޝަލް ޑިސްޓެންޓްގެ ބަހައްޓައިގެން ފިހާރަ އަދި ރެސްޓޯރަންޓްތައް ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.

މި ލޮކްޑައުން ތެރޭގައި ޗެރިޓީއަށް ފައިސާ ހޯދުމާއި، މަޝްހޫރުކަން ހޯދުމަށް ގިނަ ބަޔަކު އަންނަނީ ދިގު ދުވުންތައް ދުވަމުންނެވެ. އެގޮތުން މިދިޔަ މާޗް މަހު ފްރާންސްގެ ދިގު ދުވުންތެރިޔާ އެލީޝާ ނޮޗޮމޯވިޒް ވަނީ އޭނަގެ 23 ފޫޓް ބެލަކަނީގައި އެއްކޮޅުން އަނެއްކޮޅަށް ހުއްޓުމެއް ނެތި ހަތް ގަޑިއިރު ދުވެފަ އެވެ.

މީގެ އިތުރުން ރެސްޓޯރެންޓެއްގައި ކައްކާއަކަށް މަސައްކަތް ކުރާ މެޓް ލުއިސް ވަނީ ޓްރެޑްމިލްއެއްގައި 26.2 މޭލަށް ދުވެ، އޭނާ މަސައްކަތް ކުރާ ރެސްޓޯރަންޓުގެ މުވައްޒަފުންނަށް މުސާރަ ދެވޭ ވަރަށް ފަންޑު ހޯދައިފަ އެވެ.

comment ކޮމެންޓް