ސްޕެއިންގައި ބޭރަށް ދާނަމަ މާސްކު އަޅަން މަޖުބޫރުކޮށްފި

ސްޕެއިންގައި ފަސް އަހަރުން މަތީ ހުރިހާ އެންމެނަށްވެސް މާސްކު އެޅުން މަޖުބޫރު ވާނެ --- ފޮޓޯ : ސީއެންއެން

ސްޕެއިންގައި ގެއިން ބޭރަށް ދާނަމަ ކޮންމެ މީހަކު ވެސް މާސްކު އެޅުން އެގައުމުގެ ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ޓަކައި އެކި ގައުމުތަކުން ދަނީ ރައްކާތެރިވުމުގެ ގޮތުން ތަފާތު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ޔޫރަޕުގެ ބައެއް ގައުމުތަކުގެ ޕަބްލިކް ޓްރާންސްޕޯޓުގައި ވަނީ މާސްކު އެޅުން މިހާރު ވެސް މަޖުބޫރުކޮށްފަ އެވެ.

ސްޕެއިންގެ ހެލްތު މިނިސްޓްރީއިން ބުނެފައި ވަނީ ގެއިން ބޭރަށް ނިކުމެ ފިހާރައަކަށް ދިޔަ ނަމަވެސް ނުވަތަ ރެސްޓޯރަންޓަކަށް ދިޔަ ނަމަވެސް މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ. އަދި ފަސް އަހަރުން މަތީ ކޮންމެ ފަރާތަކަށް ވެސް މާސްކް އެޅުން މަޖުބޫރުވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ސްޕެއިންގައި މީގެކުރީން ވެސް ވަނީ ޕަބްލިކް ޓްރާންސްޕޯޓުތަކުގައި މާސްކު އެޅުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު ބޭރަށް ނުކުންނަ ނަމަ ކޮންމެ ތަނަކަށް ދިޔަ ނަމަވެސް މާސްކު އެޅުން މިހާރު މަޖުބޫރުވާނެއެވެ.

ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ސްޕެއިން އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކުޑަކުދީން ހަ ހަފްތާއަށް ގޭގައި ބޭތިއްބުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ.

ސްޕެއިންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 232،000 އިން މައްޗަށް އަރާއިރު މަރުވި މީހުންގެ އަދަދު ވަނީ މިހާރު 28،000 އާ ގާތްކޮށްފައެވެ.

comment ކޮމެންޓް