ލުއިތަކަށްފަހު ހާލަތު ގޯސްވާނަމަ، އަނެއްކާވެސް ފުރަބަންދަން ދާން ޖެހިދާނެ: ރައީސް ސޯލިހް

މެއި 14، 2020: މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުއިތަކަށްފަހު ހާލަތު ގޯސްވާނަމަ، އަނެއްކާވެސް ފުރަބަންދުގެ ހާލަތައް ދާން ޖެހިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވައި ދެއްވި ޚިތާބުގައި ވަނީ މިހާރު މާލޭ ސަރަހައްދު ފުރަބަންދު ކޮށްފައިވާ މުއްދަތު ނިމުމުން ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދިނުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ފުރަބަންދަށް ލުއި ދިންނަމަވެސް ކުރީގެ އާންމު ދިރިއުޅުމަށް ދެވޭނެ ކަމަށް ރައްޔިތުން ދެކިގެން ނުވާނެ ކަމަށާއި ލުއިތައް ދެނީ، މި ވައިރަހުގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައި ވެސް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

"ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ހާލަތު އިތުރަށް ގޯސްވާ ނަމަ، ފުރަބަންދުގެ ހާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއް. ކުރިން އަޅުގަނޑުމެން އުޅެމުން ދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިގޮތަށް ފުރަބަންދަށް ލުއިދޭނީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދާނަމަ ކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ވަރަށް ބޮޑަށް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ފުރަބަންދަށް ލުއި ދިނުމުގައި ފުރަތަމަ ފިޔަވަހީގައި ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ފަހިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު އޮތް ފުރަބަންދަށްފަހު، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނޭ ކަމަށް ރައިސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް19 ނެތް ރަށްތައް ވަރަށް އަވަހަށް އާންމު ހާލަތަށް ގެންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ފުރަބަންދު އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ކޭފުރަތަމަ ކޭސްއާ ގުޅިގެންނެވެ. ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރި ފުރަބަންދުގެ މުއްދަތު މިހާރު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް