ކޮވިޑް19 ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދޭނެ: ރައީސް

ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް ނެތް ރައްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެށްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ވަނީ އަންގާފައެވެ. ކޮވިޑް ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އިދިކޮޅު ފަރާތްތަކުންވެސް ދާދި ފަހުން ވަނީ ގޮވާލާފައެވެ.

މިރޭ ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތޯބުގައި ވިދާޅުވީ، ކޮރޯނާވައިސް ނެތް ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެ ރަށްތަށް އާންމު ހާލަތަށް ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސު މާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދާނަމަ، މާލެ ސަރަހައްދުގެ ލޮކްޑައުންއަށްވެސް ލުއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ފަހިކުރާނެ ކަމަށް ރައީސް ވިދާޅުވއެވެ. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާ އެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މާލޭ ސަރަހައްދަށް ފުރަބަންދު އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ކޭސްއާ ގުޅިގެންނެވެ. ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރު ކުރި ފުރަބަންދުގެ މުއްދަތު މިހާރު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

ރާއްޖެއިން އަޅާފައިވާ ފިވަޅުތަކުން މި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އުޅެމުން ދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް މާލެ ފިޔަވާ ރާއްޖޭގެ ފަސް ރަށަކުން މި ވައިރަސް ފެެނިފައިވެއެވެ. އެއީ، ހއ. އުލިގަން، ށ. ނަރުދޫ ހއ. ތަކަންދޫ، ނ. މަނަދޫ އަދި ކ. ހިންމަފުށިންނެވެ. އޭގެ ތެރެއިން އުލިގަން ފިޔަވާ ހުރިހާ ރަށެއް ހުރީ މޮނީޓަރިންގެ ހާލަތުގައެވެ.

comment ކޮމެންޓް