15000 އަށް ވުރެ ގިނަ ލޯނުގެ މުއްދަތު މިހާރު ވާނީ ފަސްކޮށްދީފައި: ރައީސް

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއެކު ކުރިމަތިިވި ދަތިތަކާ ގުޅިގެން 15،000 އަށް ވުރެ ގިނަ ލޯނު މިހާތަނަސް ފަސްކޮށްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅޭގޮތުން ރައީސް ސޯލިހް މިރޭ ދެއްވި ޚިތާބުގައި ވިދާޅުވީ ސަރުކާރުގެ އެންމެ އިސްވާޖިބަކީ ރައްޔިތުންނަށް ހާލުގައި ޖެހޭ ކޮންމެ ވަގުތެއްގައި އެހީތެރިވުން ކަމަށެވެ.

އެހެންކަމުން ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ﷲގެ ވާގިފުޅާއެކު ވީ އެންމެ ރަނގަޅަކަށް އެހީތެރިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކު މިހާރު ވަނީ ބައިވެރިވެފައި. މި ދެންނެވި ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފައި. " ރައީސް ވިދާޅުވިއެވެ.

ފަސްކޮށްދިން 15،000 ލޯންތަކުގެ ތެރެއިން 83 ޕަސެންޓް ލޯނު 83 އިންސައްތަ ނުވަތަ 13199 ލޯނަކީ ބޭންކް އޮފް މޯލްޑިވްސްގެ ލޯންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮރޯނާއާ ގުޅިގެން މާލީގޮތުން ދަތިވި ވިޔަފާރިތަކާއި ރިސޯޓްތަކުންވެސް ވަނީ ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދަން އެދިފައެވެ. އެފަދަ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެތެރެއިން 98 ވިޔަފާރިއަކަށް ލޯނުދޫކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، (ޖުމްލަ 530 ފަރާތަކަށް) ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ." ރައީސް ވިދާޅުވިއެވެ.

ކޮވިޑްއާއެކު ވަޒީފާ ގެއްލިފައިވާ ފަރާތަތްކަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ޕެކޭޖެއް ކަނޑައަޅައި އޭގެން ކޮންމެ މީހަކަށް 5000 ރުފިޔާގެ ރޭޓުން މިހާރުވެސް އެލަވަންސް ދެމުންދާކަން ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް