ނިއު ނޯމަލްގައި ކޮލެޖުތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: --- ސަން ފޮޓޯ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސްއާއެކު "ނިއު ނޯމަލް"ގައި ކޮލެޖުތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް 19ގެ ސަބަބުން ކޮލެޖްތަކުގެ ކިޔަވާދިނުމަށް ގެންނަމުންދާ ބަދަލުތައް ޙިއްސާ ކުރުމަށް ބޭއްވޭ ސިލްސިލާ ބައްދަލުވުންތަކެއް އެ މިނިސްޓްރީ ފަށާފައިވާ ކަމަށެވެ.

އޮންލައިންކޮށް މިއަދު ފެށި އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ކުދި ގްރޫޕްތަކަށް ބަހާލައިގެންނެވެ.

މިނިސްޓްރީން ބުނީ އެބައްދަލުވުންތަކުގައި ކޮވިޑްގެ މިޙާލަތާ އެކު ކޮލެޖްތަކުގެ ކިޔަވައިދިނުމަށް ގެނައި ބަދަލުތަކާއި އެބަދަލުތައް ގެނައުމަށްޓަކައި ވެވުނު ތައްޔާރީތަކުގެ މައްޗަށް ވާހަކަދައްކާ ޚިޔާލު ބަދަލުކުރި ކަމަށެވެ.

އޭގެ އިތުރުން ނިއު ނޯމަލްގައި ކޮލެޖްގެ ޙަރަކާތްތަކާއި ކިޔަވާދިނުން ކުރިޔަށް ގެންދިއުމަށް ޓަކައި ކޮލެޖްތަކުން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވަނީ ކިޔަވާ ދިނުމާއި ގުޅުންހުރި އެންމެހާ ކަންތައްތަކުގެ ފެންވަރު ކަށަވަރުކުރުމަށް (ކޮލިޓީ އެޝުއަރެންސް) މަސައްކަތް ކުރެއްވުމަށާއި ފެންވަރު ހިފެހެއްޓޭކަން ކަށަވަރު ކުރެއްވުމަށް ކޮލެޖެތަކުން ކުރައްވާ ކަންތައްތައްވެސް ބައްލަވާލައްވައިފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮލެޖްތަކަށް މިވަގުތު ހުރި ގޮންޖެހުންތައް ވެސް ކޮލެޖްތަކުގެ ވެރިން މިނިސްޓަރަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ގައުމީ ޔުނިވާސިޓީން މިހާރު ވަނީ މިމަހުގެ 31 ވަނަ ދުވަހު ކޮލެޖުގެ ކިޔެވުން ފަށަން ވެސް ނިންމައިފަ އެވެ.

comment ކޮމެންޓް