ހިތްހަމަ ނުޖެހޭ ފަރާތްތަކަށް ރައީސްގެ ރައްދު: ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު

ރައީސް ސޯލިހް: ހިތްހަމަ ނުޖެހޭ ފަރާތްތަކަށް ރައީސްގެ ދެއްވި ރައްދަކީ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުނުނަމަވެސް، އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކާއި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވެސް ވަނީ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެވާހަކަތަކަށް ރައްދުދެއްވައި، ރައީސް ސޯލިހް މިރޭ ދެއްވި ހިތޯބުގައި ވިދާޅުވީ، ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތައް އަޅާފައި ނުވުމުން ދުނިޔޭގެ ބައެއް ގައުމުތަކުން އުފުލަމުންދާ އުދަނގޫ ފެންނަމުންދާ ކަމަށެވެ. ނަމަވެސް ރާއްޖެއިން އަޅާފައިވާ ފިވަޅުތަކުން މި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅާފައިވާ ފިޔަވަޅުތަކާ މެދު، ހިތްހަމަނުޖެހޭ ބަޔަކު ވެސް ތިބެދާނެ. ނަމަވެސް އެ ފިޔަވަޅުތައް އަޅަން ޖެހުނީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި. ދުނިޔޭގެ އެހެން ގައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ގައުމުތައް އުފުލަމުންދާ އުނދަގޫތައް އަޅުގަނޑުމެން އެންމެނަށްވެސް އެބަ ފެނޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ހިތްޖަމަނުޖެހިވަޑައިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދާއި އެމްޑީޕީ މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ މާލޭގައި ތާށިވެފައި ތިބި ރާއްޖޭގެ އެކި ރަށްތަކުގެ މީހުން އަނބުރާ ރަށްތަކަށް ފޮނުވާލުމަށް އަމަލު ކުރަމުންދާ އުސޫލާ ގުޅިގެނެނެވެ.

މާލޭގައި ތާށީވެފައި ތިބި ރައްޔިތުުން ރަށްރަށަށް ގެންދިޔުމައި މިހާރު އަމަލު ކުރަމުންދާ އުސޫލަކީ، ޓްރާންސިޓް ކަރަންޓިން ފެސިލީޓީ ނުވަތަ ރިސޯޓެއްގައި އެމީހުން 14 ދުވަހު ކަރަންޓީން ކުރުމަށްފަހު އެ ރަށްތަކަށް ގެންދިޔުމެވެ. މިހާރު ލިބިފައި ހުރި ރިސޯޓުތައް މަދުކަމުން އެ އެންމެން އެއްފަހަރާ ކަރަންޓީން ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ސަރުކާރުގެ ވިސްނުމަކީ، އެމީހުންގެ ފަރާތުން ރަށްތަކަށް މި ވައިރަސް ނުދާނެ ގޮތަކަށް ކަންކަން ކުރުމެވެ. ނަމަވެސް މަޖިލިސް މެމްބަރުން ބުނަމުން ދަނީ ރަށްރަށުގެ ރައްޔިތުން އެ ރަށްތަކުގައި ކަރަންޓިން ކުރަން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރަށެއްގައި ވައިރަސް ފެތުރިއްޖެ ނަމަ، އެ ރަށެއްގައި މި ވައިރަހާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ ކަމަށެވެ. އަދި އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން މިޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމަށް. މާލޭގައި މި ބަލި ފެތުރިފައިވާތީ، މާލެއިން ރަށްރަށަށް ދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ، ރައްކާތެރި ކަމެއް ނޫން. އެއީ އެ ރަށްރަށުން ވެސް ބޭނުންވާ ގޮތެއް ނޫން،" މަޖިލިސް މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދުވައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަނީ:

ރައީސް ވިދާޅުވީ، މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި މިހާރު ކަރަންޓިން ކުރެވިފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުން މިމަހުގެ 24 ގެ ނިޔަލަަށް ކަރަންޓީން ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، މި ވައިރަސް މާލޭގައި ފެތުރިގަތްތާ ދޮޅުމަސް ނުވަނީސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިހާރު ރާއްޖެ ކަނޑައްތު ކުރަމުންމިދަނީ، ސިއްހީ މާހިރުން އަންދާޒާކުރި އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި ނަމަވެސް އެ ހާލަތު އައިސްފައި ނުވަނީ، ދުރާލައި ރާއްޖެއިން އެޅި ރަނގަޅު ފިޔަވަޅުތަަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް މިއަންނަނީ ތައްޔާރުވަމުން،" ރައިސް ސޯލިހް ވިދާޅުވިއެވެ.

މާލެއިން ކޮވިޑްގެ އެންމެ ފުރަތަމަ ކޭސް ފެނުމާއެކު މާލެ ސަރަހައްދު ފުރަބަންދު ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވައެވެ. ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރި ފުރަބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވީ އެ ލުއިތައް ދޭނީ ފިޔަވަހިތަކަށް ބަހަލައިގެން ކަމަށާއި އެކަންކަމުގެ ޕްލޭންތައް މިހާރު ހަދަމުންނެވެ. އެކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރަައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް