"13 ރީޒަންސް ވައި"ގެ ޓްރެއިލާ ދައްކާލައިފި

ޓްރެއިލާގެ މަންޒަރެއް---

ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ، ބެލުންތެރިންގެ މެދުގައި މަގްބޫލު ސީރީޒް "13 ރީޒަންސް ވައި"ގެ ހަތަރު ވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ނެޓްފްލިކްސްއިން ސްޓްރީމްކުރާ އެ ސީރީޒްގެ ޓްރެއިލާ މިހާރު ޔޫޓިއުބުންނާއި ނެޓްފްލިކްސް އަދި 13 ރީޒަންސް ވައިގެ ރަސްމީ އިންސްޓަގްރާމް ޕޭޖުން ފެނިގެންދާނެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ސްޓްރީމްކުރަން ފެށި އެ ސީރީޒްގެ ތިން ވަނަ ސީޒަނެއް އައީ މިދިޔަ އަހަރު އޮކްޓޯބަރު މަސްތެރޭގަ އެވެ. އެ ސީޒަނުގައި ބްރައިސް މަރުވެ އޭނާގެ ގާތިލް ހާމަވެގެން ދިޔަ އެވެ. ނަމަވެސް ރޭ ފެނިގެންދިޔަ ޓްރެއިލާގައި ބްރައިސް ފެނިގެންދިޔަ އެވެ. އެއާއެކު ގިނަ ބައެއްގެ ހިތުގައި ސުވާލުތަކެއް އުފެދިގެންދިޔަ އެވެ. އެއް ބަޔަކު ބުނަނީ ބްރައިސް މަރުނުވެ އެނބުރި އައީކަމަށެވެ. އަނެއް ބައި މީހުން ބުނަނީ ބްރައިސް ފެނިގެންދާ މަންޒަރު އެއީ ފްލޭޝްބެކްއެއް ކަމަށެވެ.

މި ސީޒަނުގައި ފެނިގެންދާނީ 10 އެޕިސޯޑެވެ. މި ސީޒަނަށް އާ ދެ ތަރިއަކު ސީރީޒްގެ ކާސްޓާ ގުޅޭނެ އެވެ. ސީރިޒްގެ ބައެއް ކާސްޓުންނަކީ ކެތްރީން ލެންގްފޯޑް (ހެނާ ބޭކާ)، ޑިލެން މިނޭޓް (ކްލޭ ޖެންސަން)، އަލީޝާ ބޯއީ (ޖެސިކާ)، ބްރަންޑޮން ފްލީން (ޖަސްޓިން) އެވެ.

މި ސީރީޒްގެ އުފެއްދުންތެރިއަކީ ބްރިއަން ޔޯކީ އެވެ. ސީރީޒް ޕްރޮޑިއުސްކުރަނީ ޕެރެމައުންޓް ޓެލެވިޜަން އަދި އެނޯނިމަސް ކޮންޓެންޓުންނެވެ.

comment ކޮމެންޓް