ރާއްޖެ މުޅި ދުނިޔެއަށް ދައްކާލަން ވާޗުއަލް ދަތުރެއް

ކޮވިޑް-19 އާ ގުޅިގެން އާންމުން ގޭގައި ތިބެން ޖެހިފައިވާ ވަގުތެއްގައި، ރާއްޖޭގެ ރަށްތަކުގެ ރީތިކަން ވާޗުއަލްކޮށް ދައްކާލުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ތައްޔާރުވެއްޖެ އެވެ.

"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން"ގެ ނަމުގައި އެމްއެމްޕީއާރުސީއިން ވަނީ ފޭސްބުކް މެދުވެރިކޮށް ހާއްސަ ވާޗުއަލް ދަތުރެއް ދިޔުމަށް ތައްޔާރުވެފަ އެވެ.

އެމްއެމްޕީއާރުސީއިން ބުނެފައިވަނީ އެ އިވެންޓުގެ ބޭނުމަކީ ރާއްޖެ ރައްކާތެރިކަމުގެ މާހައުލަކަށް މަޑުމަޑުން ދާ ކަމަށާއި ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުން ދާކަން ދުނިޔެއަށް އަންގައިދިނުން ކަމަށެވެ.

އެ ފޭސްބުކް ލައިވްގައި ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ ރީތި މަންޒިލުތަކާއި ތަންތަން ދައްކާލާނެއެ ވެ. ހުއްޓުމެއް ނެތި ޖުމްލަ ތިން ގަޑިއިރަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފޭސްބުކް ލައިވްގައި ރާއްޖޭގެ ހިތްފަސޭހަކަމާއި ރީތިކަން ގޭގައި ތިބެގެން ބަލާލެވޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ހާއްސަ އިވެންޓުގައި މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ އިންފްލުއެންސަރުންނާއި މަޝްހޫރު ޝަހުސިއްޔަތުންގެ އިތުރުން ފަންނާނުންވެސް ބައިވެރިވާނެ އެވެ. އަދި ހަމައެހެންމެ ދިވެހި ފަންނާނުންގެ ހުނަރުތައްވެސް އެ ވާޗުއަލް ދަތުރުން ފެނިގެންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ.

އެ އިވެންޓު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން އެ ރޭ 11:00 އަށެވެ.

އެމްއެމްޕީއާރުސީއިން ބާއްވާ "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން" އިވެންޓު ކުރިއަށްދާނީ ޓުއަރިޒަމް މިނިސްޓްރީ އާއި މޮންދު ޕްރޮޑަކްޝަން އާއި އޯކާ މީޑިއާ ގްރޫޕްގެ އިތުރުން ޕީއެސްއެމް ގުޅިގެންނެވެ.

comment ކޮމެންޓް