ހަރަދުތައް ކުޑަކޮށް، އެމްޓީސީސީއަށް 62 މިލިއަން ރުފިޔާގެ ފައިދާއެއް

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުންފުނީގެ ހަރަދުތައް ކުޑަކޮށް، ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން 62 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފި އެވެ.

އެމްޓީސީސީން ނެރުނު އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ވިޔަފާރިކޮށްގެން 353.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 21.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ކުންފުނީގެ ހިންގުމަށް މިއަހަރު ބަދަކުތަކެއް ގެނެސް، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ދަށްވުމާއެކު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 30.7 މިލިއަން ރުފިޔާ ލިބުމަށްފަހު މި ކުއާޓަރުގައި 62 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.

ޓެކްސްއަށް ކެނޑުމަށޤފަހު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 52.9 މިލިއަން ރުފިޔާއެވެ.

ހަރަދުތަކަށް ބަލާއިރު، މާކެޓިންގެ ހަރަދުތައް ދެ މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މާކެޓިންއަށް 21 މިލިއަން ރުފިޔާ އެމްޓީސީސީން ހަރަދުކޮށްފައިވެ އެވެ. އިދާރީ ހަރަދުތަކުގެ ބައިން 15 ،މިލިއަން ރުފިޔާ ދަށްކޮށް، އިދާރީ ހަރަދުތައް 30.8 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ.

މި ނަތީޖާތަކާއެކު އެމްޓީސީސީގެ ހިއްސާއަކަށް ޖެހުނު އާމްދަނީގެ އަދަދު 6.59 ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. 2019ގެ ހަތަރުވަނަ ކުއާޓަރުގައި ހިއްސާއެއްގެ އާމްދަނީ ހުރީ 3.83 ގައެވެ.

ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން ކުރި މަސައްކަތްތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި 53 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ހަތަރު މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް