ފުރަބަންދުގައި ބޯކޮށާލީ ކޮންބައެއް؟

ޓްރިމަރެއް ބޭނުންކޮށްގެން އަމިއްލަ އިސްތަށިގަނޑު ތުނިކޮށްލަނީ --- ފޮޓޯ : އެލެކްސް ކޫރާސް

ފުރަބަންދާ އެކު އެންމެންނަށް ވެސް މިވަނީ، ގޭގެ ހަތަރު ފާރުގެ ތެރޭގައި އެތައް ދުވަހެއް ހޭދަކުރަން ޖެހިފަ އެވެ. އެއާއެކު މީހުންގެ އެހީއާއެކު ކުރަމުން ދިޔަ އެތައް ކަމެއް ވަނީ އަމިއްލައަށް ކުރުމަށް ދަސްކުރަން ޖެހިފަ އެވެ. އަދި ގިނަ ފަހަރަށް ފޫހިވެފައި ހުރުމުގެ ސަބަބުން އަމިއްލައަށް ކަންކަން ތަހުރިބާ ކުރާ މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު އެންމެ ބޮޑު "ރޯޅި"އެއް ބާލާފައިވަނީ އަމިއްލަ ބޮލުގެ އިސްތަށިގަނޑަށެވެ. މި ލޮކްޑައުންގައި އަމިއްލަ އިސްތަށިގަނޑު ކޮށާލީ ކޮން ބައެއް ހެއްޔެވެ؟

މީގެ ކުރީން ދުވަހަކުވެސް އުމުރުގައި ބޯކޮށާ ތަނަކުން ނޫނީ ސެލޫން އަކުން ނޫން ތަނަކުން ބޯކޮށާފައި ނުވާ އެތައް ބަޔަކުވެސް ވަނީ ލޮކްޑައުންގައި ވަރަށް ހިތްވަރުގަދަކޮށްލާފަ އެވެ. އަމިއްލައަށް ކަތުރާއި ޓްރިމަރު ހިފައިގެން ބޯކޮށި މީހުން މަދެއް ނޫނެވެ.

މިއީ ރާއްޖޭގެ އެކަނި އާދައެއް ނޫނެވެ. ދުނިޔޭގެ އެތައް ބަޔަކު ވެސް މިދިޔަ ދެ މަހެއްހާ ދުވަސް ތެރޭ ބޯކޮށީ ގޭގައި ތިބެގެން އެ މީހުން އަމިއްލަ އަށެވެ.

އިސްތަށިގަނޑަށް ލޮކްޑައުންގެ ރުޅި ބާލަމުންދާއިރު އޭގެ ސަބަބުން އިސްތަށިގަނޑު ހަޑިވެފައިވާ މީހުން މަދެއް ވެސް ނޫނެވެ. އެގޮތުން ކުރިމަތިން އިސްތަށިގަނޑު ރީތިކޮށް ކޮށާލެވިފައި ހުރިއްޔާ ފަހަތުން ބަލާލަން ނުކުރެވޭ ވަރު ވެދާނެ އެވެ.

ލޮކްޑައުންގައި ޒުވާން އަންހެނުންގެ މެދުގައި މަގުބޫލުވެފައިވަނީ އިސްތަށިގަނޑު ކުރުކޮށްލުމެވެ. ބޮބް ކަޓް ޖައްސާލުމެވެ.

ލޮކްޑައުން އާއެކު އިސްތަށިގަނޑު އަމިއްލަ އަށް ކޮށުން ވަނީ އާންމުވެފައި --

"އަސްލު ރަށްޓެހިންތަކެއް އެކީގައި ވިސްނާފައި ކުޑަކޮށް ކުރުކޮށްލީ. އެއްބައި ކުދިން ކޮށާލި ކަނދުރާއާ ހަމައަށްވެސް،" "ސަން" އާ ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

ޒުވާން ފިރިހެނުންގެ މެދުގައި މި ދުވަސްކޮޅު އެންމެ މަގުބޫލީ ބަޒްކަޓް އެވެ. ނުވަތަ ޒީރޯ އެއް ޖައްސާލުމެވެ. ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ލޮކްޑައުން އާ ގުޅިގެން ޓްރިމަރު ޖައްސާލައި އިސްތަށިގަނޑު އެއްކޮށް ތުނިކުރަމުންނެވެ.

"އަސްލު މި ވިސްނާ ގޮތަކީ، ކިތައްމެ ހަޑިކޮށް އިސްތަށިގަނޑު ކޮށާލެވިފައި ހުރިނަމަވެސް، މި ލޮކްޑައުން ނިމެންވާއިރަށް އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ދިގުވާނެ ކަމަށް،" އިތުރު ޒުވާނެއް ބުންޏެވެ.

އޭނާ ބުނިގޮތުގައި، ދައްތަ ލައްވާ ބޯކޮށަން ވިސްނި ކަމަށެވެ. އެހެންނަމަވެސް ބަލާލަން ނުކެރޭ ވަރަށް އިސްތަށިގަނޑު ހަޑިވެދާނެތީ އެންމެފަހުން އަމިއްލައަށް ޓްރިމަރު ޖައްސައި އެއްކޮށް ކޮށާލީ ކަމަށް އެނާ ބުންޏެވެ.

ލޮކްޑައުންގައި އެކި މީހުން ބޯކޮށަނީ އެކި ސަބަބާ ހުރެ އެވެ. ބައެއް ޒުވާނުން ބުނެފައިވާ ގޮތުގައި ލޮކްޑައުންގެ ސަބަބުން ކުރާ ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރާ އަސަރުތައް ކުޑަކޮށް އަރައިގަތުމަށްވެސް އިސްތަށިގަނޑު ކޮށާލާފައިވެ އެވެ.

ލޮކްޑައުން އާއެކު އިސްތަށިގަނޑު އަމިއްލަ އަށް ކޮށުން ވަނީ އާންމުވެފައި --

އެހެންވީއިރު ގޭގައި ތިބެގެން ބޯކޮށާއިރު ވިސްނަންވީ ކޮންކޮން ކަންކަމަކަށް ހެއްޔެވެ؟

އަމިއްލަ އިސްތަށިގަނޑު ކޮށުމަކީ އެއްވެސް މީހަކު ހަގީގަތުގައި ބޭނުންވާނެ ގޮތެއް ނޫނެވެ. ނަމަވެސް ގޮތެއް ނެތުމުން އަމިއްލަ އިސްތަށިގަނޑުވެސް ކޮށާ ފަހަރު އަންނާނެ އެވެ.

އަމިއްލައަށް އިސްތަށިގަނޑު ކޮށާއިރު ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ.

ޓްރިމް ކުރުން

މި ދުވަސްވަރަކީ ކޮންމެހެން މޮޅެތި ސްޓައިލްތައް އިސްތަށިގަނޑަށް ގެނައުން މުހިއްމު ދުވަސްވަރެއް ނޫނެވެ. އެހެންކަމުން އެންމެ ބޮޑު އިސްކަމެއް ދޭންވީ ސްޓައިލްކޮށްލުމުގެ ބަދަލުގައި އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ތުނިކޮށްލުމަށެވެ. އެގޮތުން ދުވަސްވީ އިސްތަށިތައް ކޮށާލައި އަލުން އިސްތަށި ފެޅުމަށް ޓްރިމަރުން ނަމްބަރެއް ނަގައި އިސްތަށިގަނޑު އެއްވަރަކަށް ތުނިކޮށްލެވިދާނެ އެވެ. ލޮކްޑައުން ނިމުމުން އިސްތަށިގަނޑު ސްޓައިލް ޖައްސަން ބޯކޮށާތަނަކަށް ދެވިދާނެ އެވެ.

އިސްތަށިގަނޑު އެއްކޮށް ކޮށާލާނަމަ، ކަންތައްތައް ކުރެވިދާނެ ގޮތްތަކެއް ވެސް އެބަ ހުއްޓެވެ.

އިސްތަށިގަނޑު ކުޑަކޮށް ތެތްމާލުން

އިސްތަށިގަނޑު ކޮށާލަން ނިންމާފައިވާ ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އިސްތަށިގަނޑު ކުޑަކޮށް ތެތްމާލުން ކަމަށް އެކަމުގެ މާހިރުން ބުނެ އެވެ.

އިސްތަށިގަނޑު ކުށަކޮށް ތެއްމާލަނީ، އެ ކޮށާއިރު އޮމާންކޮށް އެއްވަރެއްގައި އިސްތަށިގަނޑު ބެހެއްޓުމަށެވެ. އިސްތަށިގަނޑު ތެތް ނޫން ނަމަ ބައެއް ފަހަރު ޓްރިމަރުގައި އިސްތަށިގަނޑު އަޅައިގަތުމާއި އެކި ވަރުވަރަށް އިސްތަށިގަނޑު ކޮށުން އެކަށީގެންވެ އެވެ.

ފަށާނީ ކަނދުރާއިން

އިސްތަށިގަނޑު ކޮށަން ފަށާއިރު ކަނދުރާއާ ދިމާލު، ބޮލުގެ ފުރަގަހުން ފެށުން މުހިއްމު ކަމަށް ބޯކޮށާމީހުން ބުނެ އެވެ. ކަނދުރާއާ ދިމާލުން އަމިއްލައަށް އިސްތަށި ކޮށުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެންކަމުން މީހަކު ލައްވާ ކަނދުރާ އާ ދިމާލުން އިސްތަށި ކޮށުން ރަނގަޅުވާނެ އެވެ.

އެއްވެސް މީހަކު ނެތް ނަމަ ދެ ލޯގަނޑު ބޭނުންވާނެ އެވެ. އެއީ ބޮޑު ލޯގަނޑަކާއި އަތުން ހިފަހައްޓާލެވޭނެ ވަރުގެ ކުޑަ ލޯގަނޑެކެވެ. ބޮޑު ލޯގަނޑަށް ފުރަގަސް ދީގެން ކުޑަ ލޯގަނޑު އަތަށް ލައިގެން އެ ލޯގަނޑުން ބޮލުގެ ފަހަތް ބަލާލެވިދާނެ އެވެ.

ދެން ކަންފަތް ކައިރި

ކަނދުރާ އާއި ފަހަތް ހިތްހަމަ ޖެހޭ ވަރަށް ކޮށާލުމުން ކަންފަތް ކައިރިން ކޮށާލެވިދާނެ އެވެ. އަދި އެއަށްފަހު މަޑުމަޑުން މައްޗަށް ތުނިކުރަމުން ގެންދެވިދާނެ އެވެ. އާންމުކޮށް ކަންފަތް ކައިރީ ސަރަހައްދު ފަހަތަށްވުރެ ކުރުވާނެ އެވެ. އެހެންކަމުން ދެ ފަރާތް އެއްވަރު ނޫން ނަމަ ކަންފަތް ކައިރިން ތުނި ކުރި ވަރަށް ފަހަތް ތުނި ކުރެވޭނެ އެވެ. އޭރުން ވަށައިގެން އެއްވަރަކަށް އިސްތަށިގަނޑު ހުންނާނެ އެވެ.

ދެން އޮންނާނީ އިސްތަށިގަނޑުގެ މެދެވެ. މިއީ އާންމުކޮށް އެހެން ހިސާބުތަކަށްވުރެ ދިގު ބައެކެވެ. އެހެންކަމުން މި ބައި ތުނިކުރާއިރު ކަތުރެއްވެސް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ފަސޭހައިން އެއްވަރު ކުރަން ބޭނުން ނަމަ ޓްރިމަރުވެސް ޖައްސާލެވިދާނެ އެވެ.

އެހާ ހިސާބުން ތިހުރީ ބޯކޮށިފަ އެވެ. ލޮކްޑައުންގައި ބޯކޮށާލައިގެން ހަމަ ގައިމުވެސް މަޖާ ކަންތައްވެސް ވެފައި ހުންނާނެ ކަން ޔަގީނެވެ. އެ ވާހަކަތައް ހިއްސާކޮށްލާށެވެ.

comment ކޮމެންޓް