ވަގުތު ފާއިތު ނުވަނީސް، ފިތުރު ޒަކާތް ދެއްކުން އަވަސްކުރޭ

ރަމަޟާން މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތްދެއްކުމަކީ ކުޅަދާނަކަން ލިބިގެންވާ މީހުންގެ މައްޗަށް އޮންނަ ވާޖިބެކެވެ. އީދުނަމާދަށް ދިއުމުގެ ކުރިން އަދާކުރުމަށް އޮންނަ މި ވާޖިބަށް އަންހެނެއް ފިރިހެނެއް އަދި ކުޑަކުއްޖެއް އިސްތިސްނާވުމެއް ނެތެެވެ. ފިތުރު ޒަކާތްދެއްކުން އީދުނަމާދަށްވުރެ ލަސްކުރުމަކީ ހުއްދަކަމެއް ނޫނެވެ.

މުސްލިމުންގެ މައްޗަށް އަދާކުރުމަށް ދެ ބާވަތެއްގެ ޒަކާތެއް ވެއެވެ. އެއީ މުދަލު ޒަކާތާއި ފިތުރު ޒަކާތެވެ. ބައެއް ފަރާތްތަކަށް ހީވެފައި އޮންނަގޮތުގައި ފިތުރު ޒަކާތްދެއްކުމުން މުދަލު ޒަކާތްވެސް ފުރިހަމަވީއެވެ. އެހެންނަމަވެސް މިއީ ރަނގަޅު މައުލޫމާތެއް ނޫނެވެ. ފިތުރު ޒަކާތަކީ ރޯދައާއި ގުޅިގެން ނެރެންޖެހޭ ޒަކާތަކަށްވައިރު މުދަލު ޒަކާތަކީ މުދަލާއި ގުޅިގެން ވަކި ނިސާބެއް ހަމަވުމުން ކޮންމެ އަހަރަކު އެއްފަހަރު އަދާކުރަންއޮންނަ ޒަކާތެކެވެ.

އިލްމުވެރިންގެ ބަސްފުޅުތަކުން ދޭހަވާގޮތުގައި ފިތުރު ޒަކާތަކީ ރޯދަމަހު އެމީހަކަށް ކުރެވޭ ކުދި ކުށްފާފަތައް ފުއްސަވާ އެމީހެއްގެ ރޯދަ ސާފުކޮށްދޭނޭ ކަމެކެވެ. ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ފިތުރު ޒަކާތްދެއްކިދާނެއެވެ.

ރާއްޖޭގައި އަމަލުކުރެވޭ އުސޫލަށް ބަލާއިރު، ފިތުުރު ޒަކާތާއި ހަވާލުވެފައިވަނީ ސަރުކާރުގެ ރަސްމީ އިދާރާއަކުންނެވެ. އެހެންކަމުން އެފަދަ އިދާރާއަކުންވެސް ނުވަތަ އަމިއްލައަށްވެސް ޒަކާތް ހައްގުވާ ފަގީރެއް މިސްކީނެއް ދަންނަ މީހުންގެ ތެރޭގައި ހުރެއްޖެނަމަ އެމީހަކަށް ޒަކާތް ދެވޭނެއެވެ. ފިތުރު ޒަކާތާއި ގުޅިގެން ދެން އެންމެ ގިނައިން ކުރެވޭ ސުވާލަކީ، ޒަކާތް ނެރެންޖެހެނީ ފައިސާއިންތޯ ނުވަތަ ކާއެއްޗެހިންތޯ އެވެ. ކީރީތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި ޒަކާތްދެވުނީ ކާއެއްޗެހިންނެވެ. ނަމަވެސް މި ޒަމާނުގައި ޒަކާތްހައްގުވާ ފަރާތްތަކުގެ މަސްލަހަތުތައް ފުޅާވެ، ނަގުދު ފައިސާއިންވެސް ޒަކާތްދިނުން އިލްމުވެރިންވަނީ އެކަން ހުއްދަކުރައްވާފައެވެ.

ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެމަނިކުފާނުގެ ޚިޔާލުގައިވެސް ފައިސާއިން ޒަކާތް ދެއްކުމަކީ ޖާއިޒް ނުވަތަ ހުއްދަކަމެކެވެ. އެއީ ބިދުއައެކޭ ނުވަތަ ހަރާމްކަމެކޭ ނުދެންނެވޭނެއެވެ. ސަބަބަކީ އަދުގެ ދުނިޔޭގައި ފަގީރު މީހާއަށް ބޭނުންވެފައިވަނީ ހަމައެކަނި ކާއެއްޗިއްސެއް ނޫނެވެ. އަދި ފިތުރު ޒަކާތް ފަރުޟުކުރެވިފައިވަނީ ފަގީރުންގެ މަސްލަހަތުތަކަށްޓަކައި ކަމުގައިވާތީއާއި އެ މަސްލަހަތަުތައް ފުރިހަމަވަނީ ފައިސާއިންކަމުގައިވާތީ އެއިރެއްގައި އެ މަސްލަހަތުތައް ފުރިހަމަވާނެ ގޮތަކަށް ޒަކާތް ނެރުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ.

އެހެންކަމުން އުޒުރަކާއި ނުލާ، އީދުނަމާދަށް މީހުން ދިއުމުގެ ކުރިން ފިތުރުޒަކާތް ދައްކަންޖެހޭނެއެވެ. އެހެންކަމުން ޒަކާތަށް ފަރުވަތެރިވުމަކީ ކޮންމެހެންވެސް މިދަނޑިވަޅުގައި ކުރަންޖެހޭ ކަމެކެވެ.

comment ކޮމެންޓް