ދެކުނު ސޫދާނުގެ ނައިބު ރައީސާއި އަނބިކަނބަލުންނަށް ކޮވިޑް-19 ޖެހިއްޖެ

ދެކުުނު ސޫދާނުގެ ނައިބު ރައީސް ރިއެކް މަޝާ އާއި އަނބިކަނބަލުން އަދި ޑިފެންސް މިނިސްޓަރު އެންޖެލީނާ ޓެނީ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: އޭއެފްޕީ

ޖުބާ (މެއި 20): ދެކުނު ސޫދާނުގެ ނައިބު ރައީސް ރިއެކް މަޝާ އާއި އޭނާގެ އަނބިކަނބަލުން އެންޖެލީނާ ޓެނީއަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

ދެކުނު ސޫދާނުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ މަޝާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ އޮފީހުގެ ބައެއް މުވައްޒަފުންނާއި ބޮޑީގާޑުންނާއި ޑިފެންސް މިނިސްޓަރުކަން ކުރައްވާ ޓެނީވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ހޯމަ ދުވަހުން ފެށިގެން މަޝާ އާއި އަނބިކަނބަލުން ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މަޝާ ވިދާޅުވި ގޮތުގައި ޓާސްކް ފޯސްގެ މެމްބަރަކު ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހަފްތާގަ އެވެ. އަދި އޭނާއާ އެކު މަސައްކަތް ކުރި މީހުން ޓެސްޓު ކުރި އިރު ޓާސްކް ފޯސްގެ އެހެން ބައެއް މެމްބަރުންވެސް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް މަޝާ ވިދާޅުވި އެވެ.

އޭގެ ސަބަބުން ދެކުނު ސޫދާނުގައި އާ ކޮރޯނާވައިރަސް ޓާސްކް ފޯހެއް އެކުލަވާލާނެކަން ވެސް މަޝާ ފާހަގަ ކުރެއްވި އެވެ.

ދެކުނު ސޫދާނުގައި މިހާތަނަށް 200އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ބަލިމަޑުކަން ފެތުރިފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ނިމުނު ހަ އަހަރުގެ ދާހިލީ ހަނގުރާމައިން ލިބުނު ގެއްލުމުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ކަމާ ބެހޭ މާހިރުން ވަނީ ވައިރަހުގެ ކޭސްތައް އެގައުމުގައި އިތުރުވެއްޖެ ނަމަ ކޮންޓުރޯލް ނުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް