ރަށްރަށުގައި ތިބި 3016 މީހަކަށް މާލެ އައުމުގެ ހުއްދަ ދީފި

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޮކްޑައުން ކުރުމާ ގުޅިގެން މާލެ ނާދެވި ރާއްޖޭގެ އެކި ރަށްތަކުގައި ތާށިވެފައި ތިބި 3016 މީހަކަށް، އެނބުރި މާލެ އައުމަށް ހުއްދަ ދީފައިިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު، މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް ވަގުތީ ގޮތުން މާލެއިން ބޭރުގައި އެކި ރަށްރަށުގައި ތިބީ ތާށިވެފަ އެވެ.

އެފަދަ މީހުން މާލެ އައުމަށް ފުލުހުންގެ ހާއްސަ ހުއްދައެއް ހޯދަން ޖެހެއެވެ. އެ ހުއްދައަށް އެދެން ޖެހެނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާލަތު ބަޔާންކޮށްދީ އީމެއިލް އެއް ކޮށްގެންނެވެ.

އެގޮތުން މިހާތަނަށް 3016 މީހަކަށް އެ ހުއްދަ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހުއްދަ ދޫކުރި މީހުންގެ ތެރެއިން 61 ޕަސެންޓު މީހުންނަކީ އީމެއިލް މެދުވެރިކޮށް ހުއްދައަށް އެދުނު މީހުން ކަމަށް ފުލުހުން ބުންޏެވެ.

އީމެއިލް މެދުވެރިކޮށް އެދުނު 1825 މީހަކަށް ހުއްދަ ދޫކުރި އިރު، ޕޯޓަލް މެދުވެރިކޮށް އެދުނު 1191 މީހަކަށް ވަނީ ހުއްދަ ދޫކޮށްފަ އެވެ.

ފުލުހުން އާންމުކޮށްފައިިވާ މައުލޫމާތަށް ބަލާއިރު، އެންމެ ގިނަ މީހުންނަށް ހުއްދަ ދޫކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 277 މީހަކަށް މާލެ އައުމުގެ ހުއްދަ ދޫކޮށްފައިވެ އެވެ.

ރަށްރަށުން މީހުން މާލެ އައުމަށް ހުއްދަ ދިނުމުގައި ފުލުހުން އަމަލުކުރަނީ ވަކި އުސޫލެއްގެ ދަށުންނެވެ. އެގޮތުން ހުއްދައަށް އެދޭ މީހާއަކީ ކަރަންޓީނުކޮށްފައިވާ ނުވަތަ މޮނީޓަރިންގް އަށް ލާފައިވާ ރަށަކުން ނުވަތަ ގެއަކުން އަންނަ މީހެއްތޯ ބަލާނެ އެވެ.

އަދި މާލެ އައުމުގެ ހުއްދައަށް އެދޭ މީހާ އަކީ، ޕޮޒިޓިވްވެފައިވާ ކޭސްއަކާ ކޮންޓެކްޓް ވެފައިވާ މީހެއްތޯ ވެސް ފުލުހުން ކަށަވަރު ކުރާނެއެވެ.

ރަށެއްގައި ހުރި މީހަކު މާލެ އައުމަށްޓަކައި ފުލުހުން އެ މީހަކަށް ހުއްދަ ދިނުމުގައި އަމަލު ކުރަމުން އަންނަނީ، އެޗްޕީއޭ އިން އެ ހުއްދައެއް ދިނުމުން ފުލުހުން އެކަމަށް ކުލިޔަރެންސް ދޭ އުސޫލުން ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.

ލޮކްޑައުން އާ ގުޅިގެން އެކި ކަންކަމުގައި މާލެ އައިސްތިބި ރަށްރަށުގެ ރައްޔިތުން ވެސް ތިބީ ތާށިވެފައެވެ. މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން އެމީހުން އަނބުރާ ރަށަށް ފޮނުވުމަށް، 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. ރަށަށް ފޮނުވާނީ ކޮވިޑް19 އަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވްވާ މީހުންނެވެ.

މިހާރު އޭގެ ތެރެއިން 800 އަށް ވުރެ މީހަކު ވަނީ ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވައިފައެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މުޅި ޖުމްލަ 1800 މީހުން ރަށްށް ފޮނުވުމަށް ކަރަންޓީނު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް