ގައިދުރުކުރުން ރަނގަޅު: ގައިން ގަޔަށް އަރާ ބަލިތައް ބޮޑުތަނުން ދަށަށް!

ކޮވިިޑް19 އާ ގުޅިގެން، ގައިދުރުކުރުުމަށް ރައްޔިތުން އިސްކަން ދިނުމުގެ ނަތީޖާއެއްގެ ގޮތުން، އެހެން އަހަރުުތަކާ އަޅާބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓުކޮށްފައިވާ މިންވަރު ރެކޯޑު އަދަދަކަށް ދަށްވެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

މިރޭ އެންއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ފާއިތުވި ހަތަރު އަހަރުގައި އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަންތަކުގެ ޓްރެންޑް ހުރި ގޮތް ހިއްސާކުރައްވައިފައެވެ.

އެ ރިޕޯޓުތައް ދައްކާގޮތުން، ކޮވިޑް19 އާ ގުޅިގެން ރައްޔިތުން ގައިދުރުކަން އިހްތިޔާރުކުރުމުން، ގައިން ގަޔަށް އަރާ އެހެން ހުރިހާ ބަލިތަކުގެ ޓްރެންޑް މީގެކުރިން ފެނިފައިނުވާ މިންވަރަށް ވަނީ ދަށަށް ގޮސްފަައެވެ.

އެގޮތުން މިއަހަރުގެ މާޗު މަހުން ފެށިގެން، މިހާތަނަށް އައި އިރު، ގައިން ގަޔަށް އަރާ ބަލިތައް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. މިދިޔަ 2017، 2018 އަދި 2019 ވަނަ އަހަރު ވެސް މި މުއްދަތުގައި، ލިބުނު ރިޕޯޓުތަކުގެ އަދަދު ބޮޑުތަކުން ގިނައެވެ.

"ކޮވިޑަކީ ވެސް ގައިން ގަޔަށް އަރާ ބައެއް. ގައިދުރުުކުރުން އިހްތިޔާރު ކުރީމާ އެހެން ހުރިހާ ގައިން ގަޔަށް އަރާ ބަލިތަކުގެ ޓްރެންޑް މިހާތަނަށް ނުފެންނަ ވަރަށް ތިރިއަށް ޖެހިފައި ހުންނަތައް މި ފެންނަނީ. އަރިދަފުސް ރޯގާއަށް ބަލާއިރު، ވަރަށް ބޮޑުތަން ތިރިވަމުން ދާތަން މި ފެންނަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މި ޓްރެންޑް ފެންނަނީ މާލޭގައި އެކަނި ނޫން ކަމަށާއި، އަތޮޅުތެރޭގެ ރަށްތަކުން ވެސް ގައިންގަޔަށް އަރަ ބަލިތައް ރިޕޯޓުކުރާ މިންވަރު ދަށްވެފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ނެތް މިންވަރަކަށް ގައިދުރުކުރެވިފައި ވުމުގެ ސަބަބުން ފެނުނު ހެޔޮ ބަދަލެއް ކަމަށް ޑރ. ވިދާޅުވިއެވެ.

"އަޅުގަނޑުމެން އާންމުކޮށް މި ކިޔާ ބޭސް ލައިން ނުވަތަ ނޯމަލީ ގައުމެއްގައި ހުންނަ މިންވަރަށް ވުރެ ވެސް ބޮޑަށް، ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ވެސް ދަށްކޮށް މި ފެންނަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަރިދަފުސް ރޯގާގެ އިތުރުން ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު ވެސް އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ވަނީ ދަށްވެފައެވެ.

"ޑެންގީއަކީ ވެސް ވަރަށް ބޮޑަށް މީހަކު ގައިން މަދިރި ލޭ ބޮއެފަ އެހެން މީހެއްގެ ގައިގައި ބައިޓް ކުރީމަ ޑެންގީ ހަގީގަތުގައި ފެތުރެނީ، އެހެންވީމަ ގައިދުރުކަން ގެންގުޅުނީމަ ހަގީގަތުގައި ޑެންގީ ފަދަ ބަލިތައް ވަރަށް ބޮޑުތަން ތިރިއަށް ޖެހިލާފައި މިވަނީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ގައިދުރުކުރުމުގެ އިތުރުން، އެންމެން ގޭގައި ތިބެ ބޭރުން ކެއުން މަދުކުރުމުގެ އިތުރުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ސަބަބުން މި އަހަރު ބޭރަށް ހިންގުން ރިޕޯޓުކުރާ މިންވަރު ވެސް ވަނީ ދަށްވެފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ އާންމުކޮށް ކޮންމެ ރޯދަ މަހަކީ ވެސް
ބޭރަށް ހިންގުން އިތުރުވާ މަހެއް ކަމަށެވެ.

"އެހެން ނަމަވެސް މި އަހަރު، ބޭރުން ކެއުމެއް ވެސް ނޯންނާނެ، ހުރިހާ އެންމެން ގޭގައި ތިބެގެން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ ހަރަކާތެއް ހިނގާ ކަމުގެ ހެއްކެއް މިއީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ވިއްސާރަ މޫސުމާއެކު ކޮންމެ އަހަރަކު ވެސް ޑެންގީ އިތުރުވާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދީ، ފެން ހަރުލާ ގޮތަށް ތަންތަން ނުބެހެއްޓުމަށް ޑޮކްޓަރުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.

comment ކޮމެންޓް