ކޮވިޑް19އަށް ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފުލުހުންގެ އަތުގައި އެކަށީގެންވާ ވަރަށް ނެތް: ކޮމިޓީ ރިޕޯޓް

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރަން ޖެހޭ އާލާތްތައް އެކަށީގެންވާ މިންވަރަށް ފުލުހުންގެ އަތުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބުނެފިއެވެ.

މިގޮތަށް ބުނެފައިވަނީ، ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާގުޅޭ ގުޅޭގޮތުން އެކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ. ރިޕޯޓުގައި ދިރާސާކޮށްފައިވަނީ، ވައިރަހާ ގުޅިގެން ގައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށެވެ.

ފުލުހުންގެ ފަރަތުން ކޮމިޓީއަށް ދިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރިޕޯޓުގެ ހޯދުންތަކުގައި ބުނެފައިވަނީ، ވައިރަހުން ފުލުސް އޮފިސަރުން ރައްކާތެރިވުމަށް ބޭނުންކުރާނެ އެކަށީގެންވާ އަދަދަށް "ޕްރޮޓެކްޓިވް އިކުއިޕްމަންޓް" އާއި ބޭނުންވާ ބައެއް އާލާތްތައް އެ މުއައްސަސާގައި ނެތްކަމަށެވެ.

އޭގެ އިތުރުން ވައިރަހަށް ހާއްސަކޮށްފައިވާ ފުލުހުންގެ ބައެއް ޓީމްތައް އެހެން މުވައްޒަފުންނާއެކު އެއް ބެލެކްސްގައި ދިރިއުޅެން ޖެހިފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަށީގެންވާ ވަރަށް އެއްގަމު އުޅަނދާއި ކަނޑުގެ އުޅަނދު އެ މުއައްސަސާގައި ނެތްކަން ވެސް ރިޕޯޓުގެ ހޯދުންތަކުގައި ބުނެފައިވެއެވެ.

ކޮވިޑް19އަށް ރައްކާތެރިވުމުގެ ގޮތުން ގައުމީ ލެވެލްގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރޭގައި ފުލުހުންގެ ގިނަ ބަޔަކު ޝާމިލްވަމުން އަންނާތީ ކުށްކުރާ ފަރާތްތަކުން މިހާލަތުގައި ބޮޑެތި ކުށްތައް ހިންގުމަށް ރާވާ މަސައްކަތް ކުރުމަކީ މިފަދަ ކުށްތަކަކުން ގައުމު ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއްގެ ގޮތުގައި ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވާކަން ރިޕޯޓުގައި ބުނެއެވެ.

އެގޮތުން މިދަނޑިވަޅުގެ މިހާލަތުގައި ރާއްޖެއަށް ގިނަ އަދަދުތަކުން މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ފަރާތްތައް އަ އަތުލާ ގަނެވިފައިވީ ނަމަވެސް މިގޮތަށް ފުޅާދާއިރާއެއްގައ މި ވިޔަފާރިކުރާ މީހުން ގިނަ ކަން ފުލުުހުންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައި ހުރި މުހިންމު ކަންކަން:

  • ފުރަބަންދާ ގުޅިގެން މިނިވަން ކޮމިޝަންތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުތައް މަޑުޖެހިފައިވާކަން.
  • ކޮވިޑް19ގެ ކުރިން ކުށްވެރިންގެ ގޮތުގައި ތިބި ނުރައްކާތެރި ބޮޑެތި ކުށްވެރިންގެ ގޮތުގައި ހިމެނޭ ފަރާތްތައް އެކިއެކި ގޮތްގޮތުން ޖަލުން ދޫވެފައިވާތީ، އެމީހުންގެ ބައިވެރުވުމާއެކު ބޮޑެތި ކުށްތައް ރާވާ ހިންގުމަށް މަސައްކަތް ކުރާކަން.
  • ގައިދީން ޖަލުގައި ހަމަނުޖެހުން ހިންގުމަށްފަހު، ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ޖަލުން މިނިވަންވުމަށް ނުވަތަ ގެއަށް ބަދަލު ވުމަށް މަސައްކަތްތައް ކުރަމުން އަންނަކަން.
  • ޖަލު ބަންދުގައި ތިބި ބައެއް ފަރާތްތަކުން، ސްކޭމް ކޯލް ކޮށްގެން ފައިސާ ހޯދަން މަސައްކަތް ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަން.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ފުލުހުންނާ ގުޅޭ ވަކި ދެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ. އެގޮތުން ފުރަތަމަ މައްސަލައަކީ، މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންގެ މެދުގައި ހަމަނުޖެހުމުގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވެފައިވާކަމަށް ބުނާ މައްސަލައެެވެ. އަދި މިއީ މިދަނޑިވަޅުގައި ގައުމީ ސަލާމަތަށް އެކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ މައްސަލައެއް ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭތި، އެ މައްސަލަ ކަމާގުޅޭ ކޮމިޓީއެއް މެދުވެރިކޮށް ބައްލަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރ. އަތޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަމުން ގެންދާ ފުލުހަކު، ރ. މީދޫ ޒުވާނަކު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރި ވަގުތު އަނިޔާކޮށްފައިވާކަމުގެ މައްސަލައެއް ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޓީން ބަލަމުންދާތީވެ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަން ކަމަށް ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް