ގެއްލިގެން ހޯދަމުންދިޔަ އިތުރު ބިދޭސީއަކު ފެނިއްޖެ

މެއި 17، 2020: މާލޭ ބޭރުމަގުގައި ބިދޭސީތަކެއް ބަސް ހުއްޓިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އަށް ޕޮޒިޓިވްވެގެން ހޯދަމުންދާ ދެ ބިދޭސީންގެ ތެރެއިން އެކަކު ފެނިއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ އިތުރު ބިދޭސީއަކު ފެނިފައިވާ ކަމަށާއި މިހާރު ނުފެންނަނީ އެންމެ މީހެއް ކަމަށެވެ.

ފަހުން ފެނުނު ބިދޭސީ މީހާއަކީ ކޭސް ނަންބަރު 594 ކަމަށާއި ކޭސް ނަންބަރު 1062 އަދި 1063 އަކީ އޭނާއާ އެއްކޮށް ދިރިއުޅުނު ދެ މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ވިލިމާލެ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވި ދެމީހުންގެ ކޭސް ނަންބަރަކީ 1062 އަދި 1063. އެ ދެމީހުން ވެސް ބޭތިއްބިފައި ތިބީ އައިސޮލޭޓެޑް ސެލްތަކުގައި [އެހެން އެއްވެސް މީހަކާ އެއްކޮށެއް ނޫން، އިތުރު ކޮންޓެކްޓެއް ހުންނާނެ ގޮތަކަށް ނޫން]. މި ދެމީހުން ކުރިން ދިރިއުޅެމުން ދިޔައީ އަޅުގަނޑުމެން ޕޮޒިޓިވް ވެގެން ހޯދި މީހެއް [ނުފެނިގެން ޕޮލިހަށް އެންގި މީހުންގެ ތެރެއިން އެކަކު] އެއީ ކޭސް 594 އާ އެއް ލިވިން ބްލޮކެއްގައި." މަބްރޫކް ވިދާޅުވި އެވެ. "އިއްޔެއާ ހަމައަށް އަޅުގަނޑުމެންނަށް ނުފެނި ތިބި ދެމީހުންގެ ތެރެއިން އެކަކު ކޭސް ނަންބަރު 594އަކީ. އެމީހާ މިހާރު ވަނީ ފެނިފައި. އެހެންވީމަ އަޅުގަނޑުމެން ހޯދަމުން ދިޔަ މީހުންގެ ތެރެއިން ނުފެނި ވަނީ އެކަކު."

ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުނު އިރު ކޮވިޑް19 އަށް ޕޮޒިޓިވްވި ހަތް މީހަކު ނުފެނިގެން، އެމީހުން ހޯދުމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ގިނަ މީހުން ތިބެނީ ދޫކޮށްލައިފަ އެވެ. އަދި ޕޮޒިޓިވްވުމުން އެ މީހަކު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރެއެވެ.

comment ކޮމެންޓް