ޗައިނާ ކުންފުނިން އަޅައިދޭ ލޭބާ ކުއާޓަރުގެ މަސައްކަތް ނިމިއްޖެ

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ލޭބާ ކުއާޓަރު-- ފޮޓޯ/އެޗްޑީސީ

ޗައިނާ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 800 އެނދުގެ ޖާގަ ހިމެނޭ ލޭބާ ކުއާޓަރުގެ މަސައްކަތް ނިމިއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެޗްޑީސީއާ ގުޅިގެން ކުރި ލޭބާ ކުއާޓަރުގެ މަސައްކަތަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޯޕަރޭޝަނުން އެއްވެސް އަގެއް ނަގާފައި ނުވާ ކަމަށެވެ.

"އެތަނުގައި 800 އެނދުހުރޭ، ހަތަރު ޑޯމިޓަރީ ބްލޮކަކަށް ބެހިފައި ހުންނަނީ. އެއް މެސް ހޯލްއާއި ބަދިގެއެއް ހުރޭ އަދި ދެ ފާހަނާ ބްލޮކް ވެސް އެތަނުގައި ހުންނާނެ." މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުންް ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައުގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް