ނަވާޒުއްދީންގެ ގާތުން ވަރިވާން އޭނާގެ އަންހެނުން ކޯޓަށް

ނަވާޒުއްދީން އާއި އޭނާގެ އަންހެނުން އާލިޔާ--

ކައިވެންޏަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާކަމަށް ބުނެ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަންހެނުން އާލިޔާ އޭނާގެ ގާތުން ވަރިވާން ކޯޓަށް ހުށައަޅައިފި އެވެ.

އެކަން ނަވާޒުއްދީންގެ އަންހެނުން އާލިޔާގެ ލޯޔަރުވަނީ ކަށަވަރުވެސް ކޮށްދީފަ އެވެ. ލޯޔަރު ބުނީ ނަވާޒުއްދީނަށް މިހާރު ލީގަލް ނޯޓިސްވެސް ފޮނުވާފައިވާ ކަމަށާއި ނޯޓިސް ފޮނުވީ މި މަހު ހަތްވަނަ ދުވަހުކަމަށެވެ. އޭނާ ބުނީ މި ވަގުތަށް ބުނެވެން އޮތީ މިވަރަށް ކަމަށާއި އެ ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ވެސް ދައްކަން ބޭނުންނުވާ ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ވެސް އެދެމީހުން ވަރިވާން އުޅޭކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. ދިގުލައިގެން ދިޔަ ގިނަ މައްސަލަތަކަކާ ގުޅިގެން އާލިޔާ އެ ކައިވެނި ރޫޅާލަން ނިންމިއިރު މީގެ ކުރިން ނަވާޒުއްދީން ވަނީ ކައިވެނީގެ ބޭރުން އެހެން އެކްޓަރަކާ ލޯބީގެ ގޮތުން ގުޅިވެސްފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ނިޔުޔޯކުގައި އުޅޭ ވެއިޓްރަސް އަކާ އެކު ވެސް ލޯބީގެ ގޮތުން ގުޅުން ހިންގާފައެވެ. އެކަމަށް ނަވާޒުއްދީން ވަނީ އެއްބަސްވެސްވެފަ އެވެ.

ބޮމްބޭ ޓައިމްސް އަށް އާލިޔާގެ ގާތް ފަރާތަކު ދިން އިންޓަވިއުއެއްގައި ބުނީ އޭނާ މިހާރު ވިސްނަނީ 10 އަހަރު ދުވަސްވީ ކައިވެނި ރޫޅާލުމަށް ފަހު އެ ކައިވެންޏަށް ލިބުނު ދެ ދަރިންގެ ކަސްޓަޑީ ހޯދުމަށެވެ.

ނަވާޒުއްދީން ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ "ގޫމްކެޓޫ"އިންނެވެ. އެ ފިލްމަށްފަހު އޭނާގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓްކުރާ "ބޯލޭ ޗޫޅިޔާ" އިން ވެސް ނަވާޒުއްދީން ފެނިގެންދާނެއެވެ.

comment ކޮމެންޓް