ޝަރީއަތްތައް ލައިވް ކުރުމުން އިންސާފު ލިބޭކަމުގެ އިހުސާސް ވާނެ: އޭޖީ

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި އަދި ޝަރީއަތްތައް ޔޫޓިއުބާއި ޓުވިޓާ މެދުވެރިކޮށް ލައިވްކުރަން ނިންމުމުން، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކަމަށް ތައުރީފު ކުރައްވައިފިއެވެ.

ސިއްހީ ހާއްސަ ހާލަތްތަކުގައި ސުޕްރީމް ކޯޓުގެ ޝަރީއަތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި މިއަދު ވަނީ އާންމުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އޭޖީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ބޭނުން ބޮޑު ތާރީހީ ބަދަލެއް ކަމަށެވެ.

އަދި ޝަރީއަތުގެ ކަންކަމުގައި ޓެކްނޮލޮޖީ ބޭނުންކުރުމުން ހަރަދާއި ވަގުތު ސަލާމަތްވުމުގެ އިތުރުން ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.

"ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފް ލިބޭކަން އިހުސާސްކުރެވޭނެ،" އޭޖީ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިއަދު އަމަލުކުރަން ފެށި ގަވާއިދުގައި ބުނެފައި ވަނީ ކޯޓުން ފޯރުކޮށްދޭ ހިދުމަތަކީ، ކޯޓަށް މީހާ ކޮންމެހެން ހާޒިރުކޮށްގެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ކަމުގައި ނުވާނަމަ، އެފަދަ ކޮންމެ ހިދުމަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރާނީ އީމެއިލް، ޖެމްސް، ޓެކްސްޓް މެސެޖު، ފޯނު ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

ކޯޓުން ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި ބައްދަލުވުންތައް އާންމުގޮތެއްގައި ކުރިއަށް ގެންދާނީ މައިކްރޯސޮފްޓް ޓީމްސް ނުވަތަ ޓެލެފޯނު ނުވަތަ އެނޫންވެސް ޓެލެކޮންފަރެންސިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އަދި ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ޓުވިޓާ ނުވަތަ ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް