"އިންޖީނުގޭ ކުދިންނަށް" މަޖިލީހަށް ސިޓީ ނުފޮނުވޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ސްޓެލްކޯގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި، އާންމުވި ގޮތް ހޯދުމަށް އެ ކުންފުނިން މަޖިލީހުގައި އެދުމުން، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީއެއް އާންމުވުމާ ގުޅިގެން އެކަން ހިނގި ގޮތް އޮޅުންފިލުވައިދިނުމަށް އެ ކުންފުނީގެ ފަރާތުން އެދުނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ ސިޓީ އާންމުވެ އެ ކުންފުންޏާއި ކުންފުނީގެ ވެރިންނާއި، މުވައްޒަފުން ރެއާއި ދުވާލު ކުރާ މަސައްކަތުގެ އަގުވައްޓާލައި، އަދި އެ ކުންފުންޏާ މެދުގައި އޮތް ތަސައްވަރު ކިލަނބު ކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމައެއާ އެކު މުސްތަގުބަލުގައި މަޖިލީހަށް ފޮނުވާ ލިޔެކިޔުންތަކަކީ އާންމު ކުރާނެ ތަކެތިކަން ކުރިން އެންގުމަށް ވެސް އެދިފައިވެ އެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ވިދާޅުވީ ސިޓީބިޓީ ލިޔުމާ ގުޅޭ ގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނު އަދި ވެސް އެބަ އޮތް ކަމަށާއި، އެ ގާނޫނުގައިވާ ގޮތުން، "އިންޖީނު ގެއިން" މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ.

"އިންޖީނުގެ ކުދިންނަށް އެނގެން ޖެހޭ މިތަނަށް އެބޭފުޅުންނަށް ސިޓީ ނުލިޔުއްވޭނެކަން. މިތަނުން އަހާ އެއްޗެއްގެ ޖަވާބު އެބޭފުޅުންނަށް ދެއްވޭނެ." ނަޝީދު ވިދާޅުވި އެވެ.

ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ މީހަކަށް ވެސް ސިޓީ ލިޔެވޭނެ ކަމަށާއި، އަދި ބޭނުންވާ އެއްޗެއް ވެސް ބުނެވޭނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެގޮތަށް ސިޓީ ފޮނުވަން ގާނޫނުން ޖާގަ ނުދޭ ކަމަށެވެ.

"އެހެންވީމާ އިންޖީނުގޭ ހުރިހާ ކުދިން ވެސް، އަދި ޖައްރާފު ކުއްޖަކަށް ވިޔަސް އަދި އެހެން ތަނެއްގައި މަސައްކަތް ކުރާ ކުއްޖަކަށް ވިޔަސް ހުރިހާ ކުދިންނަށް ރަނގަޅަށް ރީތިކޮށް އެނގިލައްވަން ޖެހޭނެ މިތަނަށް ސިޓީ ފޮނުވާނީ ވަޒީރުން ކަން،" ނަޝީދު ވިދާޅުވި އެވެ.

ސިޓީގެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ.

އަދި އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތަކަށް ވާއިރު، ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮތް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްް ކަމަށެވެ.

އެހެންކަމުން އެކަން ތަހުގީގު ކުރުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފިޔާޒް ވަނީ ގޮވާލައްވައިފަ އެވެ.

comment ކޮމެންޓް